ދުވާފަރު މޮނިޓަރިންގައި 84 ދުވަސް، އެކްޓިވް ކޭސްތައް 147ގަ

ރ. ދުވާފަރު: ކޮމިއުނިޓީ ސްޕްރެޑާއެކު ކޮވިޑުގެ އެކްޓިވް ކޭސްތައް ގިނަ ---

ރ. ދުވާފަރުގައި ކޮވިޑް-19 ގެ އެކްޓިވް ކޭސްތައް 147 އަށް އަރާފައިވާ ކަަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރަށުތެރެއިން އެކްޓިވް ކޭސްއެއް ފެނި ދުވާފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މޭ މަހުގެ 25 ވަނަ ދުވަހުއެވެ.

ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް "ސަން" އަށް ވިދާޅުވީ މިވަގުތުވެސް ރޭންޑަމް ސާމްޕަލްތައް ނަގަމުންދާ ކަމަށާއި، ރަށު ތެރޭގައި ބަލީގެ ކޮމިއުނިޓީ ސްޕްރެޑް އެބައޮތް ކަމަށެެވެ.

އެގޮތުން މިހާރު ދުވާފަރުގެ ކޮވިޑުގެ އެކްޓިވް ކޭސްތައް 147 އަށް އަރާފައިވާ ކަމަށް ހަކީމް ވިދާޅުވިއެވެ. އެހެންކަމުން ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްވުރެ ހަލުވިކަމާއެކު ކުރިއަށްގެންދާ ކަަމަށް އޭނާ ވިދާޅުވިއެވެ.

"އަދިވެސް ކޮންމެވެސް ވަރަކަށް ހަމަ ކޮމިއުނިޓީ ސްޕްރެޑް އެބަ އޮތް. ފުދޭވަރަކަށް ހަލުވިކޮށް ވެކްސިނޭޝަން ޕްރޮގުރާމުވެސް ކުރިއަށް ދަނީ. މިވަގުތަށް ޖުމްލަ ފުރަތަމަ ޑޯޒް ޖަހާފަ އެބައިން 1،862 ބޭފުޅަކު. ދެވަނަ ޑޯޒް ޖަހާފަ އެބަވޭ 1،509 ޖުމްލަ،" ހަކީމް ވިދާޅުވިއެވެ.

އޭގެ އިތުރުން އެކްޓިވް ކޭސްތަކާ ނުލައިވެސް ގިނަ އަދަދެއްގެ ބަޔަކު މިވަގުތު ކަރަންޓީނުގައި ތިބިކަން ހަކީމް ފާހަގަކުރެއްވިއެވެ.

ހަކީމް އިތުރަށް ވިދާޅުވީ ކޮވިޑް ޖެހިގެން ހާލު ދެރަވެއްޖެނަމަ ރަށުން ފަރުވާދެވޭނެ އެކަށީގެންވާ ސިއްހީ މީހުން ނުތިބޭ ކަމަށެވެ. މިދިޔަ ހަފްތާގެ ތެރޭގައި ހާލު ދެރަވެގެން ދެ އަހަރުގެ ކުއްޖަކު އޭދަފުށީ ކަރަންޓީނު ފެސިލިޓީއަށް ފޮނުވާލާފައިވާ ކަމަށާއި، ދުވާފަރުގެ ތިން މީހަކު މިވަގުތު މާލެ ގެންގޮސް ފަރުވާދެމުންދާ ކަމަށްވެސް ހަކީމް ވިދާޅުވިއެވެ.

"މަރުކަޒުގަ ނުހުރޭ ފަރުވާ ދެވޭނެ އެކަށީގެންވާ ވަސީލަތާއި މެޑިކަލް ސްޓާފުންނެއް. ޖެނެރަލް ޑޮކްޓަރެއް އެކަނި މިކޮޅުގަ ހުންނަނީ. އެހެންނަމަވެސް މިފަހުން ވެންޓިލޭޓަރެއް ގެނެސްފަ އެބައިން،" ހަކީމް ވިދާޅުވިއެވެ.

ދުވާފަރުން މިހާތަނަށް ހަތަރު މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

ދުވާފަރުގައި ކޮމިއުނިޓީ ސްޕްރެޑު އޮތުމުގެ ސަބަބުން އެރަށުގައި މިހާރު ދަނީ ހަވީރު 16:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަމުންނެވެ. އަދި ކާފިއު ވަގުތުތަކުގައި ބޭރަށް ދެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ކައުންސިލުން ބުނެއެވެ.

އަދި ކާފިއު ވަގުތުގައި ނޫނަސް ޒަރޫރީ ބޭނުމެެއްގައި ނޫނީ އެއްގެއިން އަނެއްގެއަށް ދިޔުން ވަނީ މަނާކޮށްފައެެވެ.

އޭގެ އިތުރުން މިހާރު ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށް، އާންމު ތަންތަނަށް ދިޔުން މަނާކޮށް ފުލުސް ޓޭޕު ދަމައި ބަންދުކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

comment ކޮމެންޓް