ވަކި ޝަރުތުތަކާއެކު ދިއްދޫގެ މޮނިޓަރިން އުވާލައިފި

ހއ. ދިއްދޫ. (ފޮޓޯ/ފޭސްބުކް)

ކޮވިޑް-19 ކޭސްތަކަކާއި ގުޅިގެން ހއ. ދިއްދޫގައި އިއުލާންކޮށްފައި އޮތް މޮނިޓަރިން ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުވާލައިފިއެވެ.

މޮނިޓަރިން އުވާލުމާއި ގުޅިގެން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ސަން" އަށް ވިދާޅުވީ އެ ރަށުގެ މޮނިޓަރިން އުވާލައިފައިވަނީ އެޗްޕީއޭގެ ވަކި ޝަރުތުތަކަކާއެކުގައި ކަމަށެވެ.

"އެ ބޭފުޅުން ވިދާޅުވީ، ޝަރުތުތަކަކީ ރަށުގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ދެވެންދެން ރަށުން ފުރާ މީހުންގެ ސާމްޕަލް ނެގުމާއި، ހަތް ދުވަސްތެރޭ ރަށުގެ އާބާދީގެ ފަސް ޕަސެންޓު މީހުންގެ ރޭންޑަމް ސާމްޕަލް ނެގުން. މި ދެ ޝަރުތު." ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ވަގުތު މޮނިޓަރިން އުވާލައިފައިވާއިރު ރަށުގެ ހާލަތު ރަނގަޅުކަމަށެވެ. އަދި މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ.

"މިއީ ދިއްދޫ މޮނިޓަރިންއަށް ލީ ތިން ވަނަ ފަހަރު. މި ވަގުތު 27 މީހަކަށް ބަލިޖެހިފައިވަނީ، އޭގެން 27 މީހުން އެކްޓިވް ކޭސްގެ ގޮތުގައިވެސް މިވަގުތު ތިބީ،" އޭނާ ވިދާޅުވިއެވެ.

ހަމައެއާކު މޮނިޓަރިން ހާލަތުން ނަގާފައިވީނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް