ސީޒަން ފެށުމުގެ ކުރިން އަގުއެރޯ އިންޖަރީވެއްޖެ

ބާސެލޯނާއަށް އަލަށް ގުޅުނު ފޯވާޑް ސާޖިއޯ އަގުއޭރޯ --- ފޮޓޯ// ބީބީސީ

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ސިޓީ ދޫކޮށް ބާސެލޯނާއަށް ބަދަލުވި އާޖެންޓީނާގެ ސްޓްރައިކަރު ސާޖިއޯ އަގުއެރޯއަށް ސީޒަން ފެށުމުގެ ކުރިން އަނިޔާވެއްޖެއެވެ.

ބާސެލޯނާގެ ފޯވާޑް އަދި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ކުލަބު ދޫކޮށްލަން ޖެހުމާ އެކު އެކުލަބަށް އުނދަގޫ ހާލަތެއް ދިމާވެފައި އޮތް އިރު، ސްޕެނިޝް ލީގުގެ ސެލެރީ ގަވާއިދާ އެކު އަގުއެރޯވެސް އަދި ހުރީ ލީގުގެ ސްކޮޑަށް ރަޖިސްޓްރީ ނުކުރެވިފަ އެވެ.

އެއާ އެކު ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާއަށް ބަދަލުވި އަގުއެރޯގެ މާޔޫސްކަން ދެގުނަ އިތުރުވީ ފަރިތަކުރުންތަކުގައި ލިބުނު އަނިޔާއެއްގައި 10 ހަފުތާއަށް ކުޅުމާ ދުރުގައި މަޑު ކުރަން ޖެހުމުންނެވެ.

އަގުއެރޯ (33) އެންމެ ފަހުގެ ސީޒަނުގައި މެންޗެސްޓާ ސިޓީއަށް ވެސް ކުޅެދީފައިވަނީ އެންމެ 20 މެޗެވެ. އޭގެ ތެރެއިން ފުރަތަމަ އެގާރައިގައި އެންމެ 10 މެޗުގައި ހިމެނުނުއިރު ސީޒަނުގެ ބޮޑުބައި ހޭދަކުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.

ބެލެވޭ ގޮތުގައި އަގުއެރޯގެ އަނިޔާއާއެކު ލީގުގެ ނުވަ ވަަރަކަށް މެޗު ގެއްލޭނެއެވެ. އަދި އެހެންމެ ބާސެލޯނާގެ އެންމެ ބޮޑު އަމާޒުކަމުގައިވާ ޗެމްޕިއަންސް ލީގުގެވެސް ދެ މެޗުވަރު ގެއްލުން ކައިރިއެވެ.

ސިޓީ ދޫކޮށް އަގުއެރޯ ބާސެލޯނާއަށް ބަދަލުވީ އޭނާގެ އާޖެންޓީނާގެ ޓީމް މޭޓް މެސީއާއެކު ކުލަބު ލެވެލްގައި ކުޅުމަށް ކަމަށް އޭނާ ކުރިން ބުނި ނަމަވެސް އެ ހުވަފެން ހަގީގަތަކަށްވާ ގޮތް ނުވީ މެސީ ބާސެލޯނާގައި މަޑު ނުކުރާނެކަން ހާމަކުރުމުންނެވެ.

އެ ހަބަރާ އެކު އަގުއެރޯ ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމުގެ ވާހަކަތައް ދައުރުވާން ފެށުމުން އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ.

ސިޓީއާ އެކު ހަތަރު ފަހު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ އަގުއެރޯއަކީ އެ ކްލަބްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެ ޓީމަށް 384 މެޗުން 257 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

comment ކޮމެންޓް