ވެކްސިން ނުޖަހާނަމަ ކަރަންޓީނު މުއްދަތު ޗުއްޓީގައި ހިމެނޭ ގޮތަށް އިސްލާހު ގެންނަނީ

ޖުލައި 16، 2021: އީދު ބަންދަށް މީހުން މާލެއިން ފުރަނީ — ސަން ފޮޓޯ/ ފަޔާޒް މޫސާ

ވެކްސިން ފުރިހަމަނުކުރާ ފަރާތްތައް، ކަރަންޓީނުވާން ޖެހިއްޖެނަމަ އެ މުއްދަތު އެފަރާތްތަކުގެ ވަޒީފާގެ ޗުއްޓީ މުއްދަތުގެ ތެރެއިން ގުނާ ގޮތަށް އިސްލާހުކުރުމަށް ހުށަހަޅައިފިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުވާން ޖެހޭ ހާލަތުގައި، މެޑިކަލް ސެޓްފިކެޓު ހުށަހަޅަން ނުޖެހި އެ ފަރާތްތަކަށް މުސާރަ ލިބޭ ގޮތަށް ވަޒީފާދޭ ފަރާތުން ހާއްސަ ޗުއްޓީއެއް ދޭންޖެހޭނެއެވެ. އަދި ކަރަންޓީނަށް ހޭދަވާ މުއްދަތު އެ މުވައްޒަފެއްގެ އަހަރީ ޗުއްޓީއިން ނުކެނޑޭނެއެވެ.

ނަމަވެސް ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން، ވެކްސިން ފުރިހަމަ ނުކުރާނަމަ ކަރަންޓީނު މުއްދަތު ޗުއްޓީގެ ތެރެއިން ހިމެނޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޝްވަރާކުރަމުންދާކަމަށް "ސަން" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެގޮތަށް އިސްލާހެއް ގެނައުމަށް ހުށަހަޅާފައިވަނީީ ރައީސް އޮފީހުގެ ޕޮލިސީ ބައްދަލުވުމެއްގެ ތެރެއިންނެވެ. އެހެންނަމަވެސް އެކަމާމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން ވެކްސިން ޖެހި ފަރާތްތަކަށް ދަތުރުކުރުމުގައި ލުއިތައް ދޭން ފަށާފައެވެ. އަދި ވެކްސިން ނުޖަހާ ފަރާތްތަކަށް އަމަލުކުރުމުގައި ވަކި ގޮތްތަކެއް ގެންގުޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

އެގޮތުން ރެސްޓޯރެންޓްތަކުން ހިދުމަތް ހޯދުމުގައި ވެކްސިން ފުރިހަމަކޮށްފައިވެތޯ ބެލުން އަދި ވެކްސިން ނުޖަހާނަމަ ސްކޫލްތަކަށް ނުވަދެވޭ ގޮތަށްވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

އަދޮ ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ދަތުރުކުރުމަށްފަހު ކަރަންޓީނު ނިމުމުން ނަގާ ރިލީޒް ސާމްޕަލަށް ފައިސާ ދައްކަން ޖެހޭ ގޮތަށް މިހާރު ވަނީ ހަދާފައެވެ.

ސަރުކާރުން ޕްރޮގުރާމެއް ފަށައިގެން ކުރިޔަށް ގެންދާއިރު، މިހާތަނަށް ރާއްޖޭގެ ޖުމްލަ 284،329 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

comment ކޮމެންޓް