ހާލަތު ރަނގަޅު، އުންމީދަކީ ވަރަށް އަވަހަށް މޮނިޓަރިން އުވާލުން: ފޯކައިދޫ ކައުންސިލް

ށ. ފޯކައިދޫ. --ފޮޓޯ/އަލީ ގުރައިޝް

ށ. ފޮކައިދޫގެ މޮނިޓަރިން ހާލަތު މިމަހުގެ 20 ހިސާބުގައި އުވާލާނެ ކަމަށް އުންމީދު ކުރާކަމަށް އެ ރަށުން ކައުންސިލުން ބުނެފިއެވެ.

"ސަން" އާ މިއަދު ވަހަކަދައްކަވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް ވިދާޅުވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން 114 ގައި ހުރި އެކްޓިވް ކޭސްގެ އަދަދު މިހާރު 23 އަށް ތިރިވެފައިވާކަމަށެވެ. އެހެންކަމުން މިމަހުގެ 20 ހިސާބުގައި ރަށް މޮނިޓަރިންއިން ނަގާނެ ކަމަށް އުންމީދު ކުރާކަމަށެވެ.

"އެޗްޕީއޭއިން ގޮތް ނިންމާނީ. އެމީހުން އެ ބައްލަވާ މިންގަނޑަށް ފެތުނީމަތާ ނަންގަވާނީ. އަޅުގަނޑުމެން ލަފާ ކުރަނީ މި މަހުގެ 20 ހިސާބު ނެގޭނެކަމަށް. މި ގޮތަށް ދާ ކަމުގައި ވަންޔާ،" އާސިފް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ކޭސްއެއް އެންމެފަހުން ފެނުނީ މީގެ ތިން ވަރަކަށް ދުވަސް ކުރިންކަމަށާއި މިހާރު ރަށުން ނަގާ ރެންޑަމް ސާމްޕަލްތައް ވެސް ނެގެޓިވްވާ ކަމަށް އާސިފް ވިދާޅުވިއެވެ.

"އިއްޔެގަ ޖުމްލަ 93 ސާމްޕަލް ނެގި. އެއީ 77 ރެންޑަމް ސާމްޕަލް އާ އެއްކޮށް. ހުރިހާ ސާމްޕަލްއެއްވެސް ނެގެޓިވް. މިވަގުތު ނަތީޖާ ނުލިބޭ ޖުމްލަ 39 ސާމްޕަލް އެބަހުރި. ހަތް ރެންޑަމް ސާމްޕަލް އާއެއްކޮށް އެއީ،" އާސިފް ވިދާޅުވިއެވެ.

ކޭސްތައް މަދުކަމުގައިވިޔަސް އަދިވެސް ބޭރަށް ނިކުމެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަށް އާސިފް ވިދާޅުވިއެވެ. އާސިފް އިތުރަށް ވިދާޅުވީ މިވަގުތުވެސް މަދުން ނަމަވެސް ކޮވިޑް ކޭސްތައް އުޅުމާއެކު މޮނިޓަރިން އުވާލަށްދެން ސްކޫލްގެ ކިޔެވުން ކުރިޔަށް ނުގެންދަން ނިންމާފައިވާކަމަށެވެ.

ފޯކައިދޫގައި ވެކްސިން ޖެހުމުގެ މަސައްކަތް ކޮވިޑްގެ ހާލަތުގެ ސަބަބުން މެދުކަނޑާލިއިރު 60 ޕަސަންޓު މީހުން ވަނީ އެއްވަނަ ޑޯޒް ޖަހާފައެވެ. އަދި 40 ޕަސަންޓު މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.

ނަމަވެސް މިމަހުގެ 15 ގެ ކުރިން ސަރުކާރުގެ ހުރިހާ މުވައްޒަފުން ވެކްސިންގެ އެއް ޑޯޒް ޖެހުމަށް ރައީސް އޮފީހުން އެންގުމާއި ގުޅިގެން އެ މަސައްކަތް މިހާރު ފަށަން ނިންމާފައިވާ ކަމަށް ފޯކައިދޫ ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ ހުންނެވި އަހްމަދު އަންވަރު ވިދާޅުވިއެވެ.

ފޯކައިދޫ މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

comment ކޮމެންޓް