މިލަންދޫގައި ފެނަކަ "ފުނަރު ޕްރޮގްރާމު'"ގެ އިމްތިހާނު ނިންމާލައިފި

ފެނަކަ ފުނަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ޕްރެކްޓިކަލް އިމްތިހާނުގެ ތެރެއިން-- ފޮޓޯ/ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ "ފުނަރު" އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދާ ސަރަހައްދުތަކުގެ ތެރެއިން ށ. މިލަންދޫގެ އިމްތިހާނުތައް ނިންމާލައިފިއެވެ.

އިންޖީން ރިޕެއާއާއި މެއިންޓަނެންސް ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ އެ ޕްރޮގްރާމުގެ ތިއަރީ އިމްތިހާން އިއްޔެ ނިންމާލިއިރު، ޕްރެކްޓިކަލް ބައި ނިންމާލީ މިއަދުއެވެ.

ފެނަކައިން ފުނަރު ޕްރޮގްރާމު ކުރިއަށްގެންދަނީ ރާއްޖޭގެ ހަތް ސަރަހައްދެއްގަ އެވެ. އެއީ:

  • ކުޅުދުއްފުށި ސިޓީ
  • ށ. މިލަންދޫ
  • ނ. ވެލިދޫ
  • ބ. އޭދަފުށި
  • ދ. ކުޑަހުވަދޫ
  • ތ. ވިލުފުށި
  • ފުވައްމުލަކު ސިޓީ
  • އައްޑޫ ސިޓީ

ފެނަކައިން ބުނީ އެ ސަރަހައްދުތަކުގެ ތެރެއިން ފުވައްމުލަކާއި އައްޑޫ ސިޓީ ފިޔަވައި އެހެން ސަރަހައްދުތަކުގެ އިމްތިހާނު މި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ފުވައްމުލަކާއި އައްޑޫ ސިޓީ ދިގު މުއްދަތަކަށް މޮނީޓަރިން ހާލަތުގައި އޮތުމުން ކްލާސްތައް މަޑުޖައްސާލަން ޖެހުނު ނަމަވެސް، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ދެ ސިޓީގެ އިމްތިހާނުތައްވެސް ނިންމާލެވޭނެ ކަމަށް ފެނަކައިން ބުނެ އެވެ.

ފުނަރު ޕްރޮގްރާމުގައި ހަތް ސަރަހައްދުން ޖުމުލަ 45 މީހުން ވަނީ ބައިވެރިވެފަ އެވެ. ދެ ޖިންސުގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ފުރުސަތު ހުޅުވާލި އެ ޕްރޮގްރާމުގެ ބައިވެރިންގެ ތެރޭގައި ފަސް އަންހެނުންވެސް ހިމެނެ އެވެ.

comment ކޮމެންޓް