ހެކިވެރިންނަށް ރައްކާތެރިކަން ދިނުމާ ބެހޭ ނިޒާމެއް މަރު ކޮމިޝަނުން ގާއިމުކުރަނީ

ރިލްވާނަށް އިންސާފު ހޯދުމަށް އެދި ބޭއްވި ހިނގާލުމެއްގެ ތެރެއިން --

ކުށުގެ މައްސަލަތަކުގައި ހެކިބަސް ދޭ މީހުންނަށް ރައްކާތެރިކަން ދިނުމާ ބެހޭ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން މިއަދު ބުނެފިއެވެ.

މަރު ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް، މަރާލި މައްސަލައަށް އިންސާފު ހޯދައި ދިނުމަށްޓަކައި އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ބުނެފައެވެ. އަދި އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފުލުހުންނާއި ކަމާގުޅުން ހުރި ބޭރުގެ ތަޖުރިބާކާރުންގެ އެހީ ދަނީ ހޯދަމުންނެވެ.

އެގޮތުން ރިލްވާން މަރާލި މައްސަލައިގެ މައުލޫމާތު އެނގިތިބި ބައެއް މީހުން އެކި ސަބަބުތަކާ ހެދި ހެކިބަސް ދޭން ފަސް ޖެހޭތީ، އެކަން ހައްލު ކުރުމަށްޓަކައި ހެކިވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަރު ކޮމިޝަނުގެ ބަޔާނުގައިވެއެވެ.

"ބޭރުގެ ކަމާ ގުޅޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ހެކިބަސް ދޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ގުޅޭ ޕްރޮގްރާމެއް އެކުލަވާލުމުގެ މަަސައްކަތް ދައުލަތުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކޮމިޝަނުން މި ދަނީ ކުރަމުން،" އެ ބަޔާނުގައިވެއެވެ.

މަރު ކޮމިޝަނުން ބުނި ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަނީ ރާއްޖޭގެ އިޖުތިމާއީ، ދީނީ، ސިޔާސީ އަދި އާބާދީގެ މައްޗަށް ރިއާޔަތްކޮށް، ރާއްޖޭގައި އެ ނިޒާމު އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގޭނެ ގޮތަށް ބެލުމަށް ފަހުގައެވެ.

ހެކިވެރިންނަށް ހިމާޔަތް ދޭން ޖެހޭގޮތް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ހެއްކާ ބެހޭ ބިލެއް 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ، ބަލައިގަނެފައިވީ ނަމަވެސް އެ ބިލު އަދި ފާސްކޮށްފައެއް ނުވެއެވެ.

އެ ބިލުގައި ވަނީ ހެކި ބަސް ދޭ މީހާއަށް އެއްވެސް ނުރައްކަލެއް އޮތްކަން އޭނާއަށް ފާހަގަވުމުން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ހުށަހަޅައިގެން ހިމާޔަތް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައެވެ.

ހަމަ އެހެންމެ ހެކިބަސްދޭ މީހާއަށް ނުރައްކަލެއް އޮތްކަން ކޯޓަށް ފާހަގަކުރެވޭ ނަމަ އެމީހަކަށް ހިމާޔަތްދިނުމަށް ދަައުލަތުގެ ކަމާ ބެހޭ އިދާރާތަކާއި ފުލުހުންނަށް އަމުރުކުރުމުގެ ބާރު ބިލުން ވަނީ ކޯޓުތަަކަށް ދީފައެވެ. އަދި ހިމާޔަތް ދޭން އަމުރުކުރާއިރު ހިމާޔަތް ދޭން ޖެހޭ ގޮތުގެ ތަފްސީލުވެސް ބަޔާންކުރަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

މީގެ ހަތް އަހަރު ކުރިން ރިލްވާން ގެއްލުވާލީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ކައިރިން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮހެވެ.

އެ މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން މީގެ ކުރިން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ރިލްވާން ކާރަށް އަރުވައިގެން ގެންދިޔުމަށް ފަހު، އޭނާ ޑިންގީއަކަށް އަރުވާ، ދެން އއ. އުކުޅަހު ދޯންނަކަށް ގެންގޮސް މަރާލާ ކަނޑުފެއްތީއެވެ.

comment ކޮމެންޓް