ކޮވިޑް-19 އާ ގުޅިގެން ބައެއް ރަށްރަށް މޮނިޓަރިންގެ ހާލަތަށްލާފައި އޮތުމުގެ ސަބަބުން 44 ރަށެއްގެ ލޭންޑުޔޫސް ޕްލޭންގެ މަސައްކަތް އަދި އެއްވެސް ވަރަކަށް ކުރެވިފައިނުވާ ކަމަށް ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
ގާނޫނުގައި އޮތް ގޮތުން ނަމަ އާ ކައުންސިލްތައް މަގާމާ ހަވާލުވާތާ ތިން މަސްދުވަހުގެ ތެރޭގައި އެ ރަށެއްގެ ލޭންޑުޔޫސް ޕްލޭން އެކުލަވާލަންޖެހެއެވެ. އެހެންކަމުން އޮގަސްޓު 17 ނިޔަލަށް ކައުންސިލްތަކުން އެ މަސައްކަތްކޮށް ނިންމަންޖެހޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ ރަށްރަށުގައި މޮނިޓަރިންގެ ހާލަތު އޮތުމުން، ރައްޔިތުންނާ ބައްދަލުކޮށް ލޭންޑުޔޫސް ޕްލޭން އެކުލަވާލުމަށް ތިން މަސް ދުވަހަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ.
"ދެން މިހާރު އަޅުގަނޑަށް ފެނޭ ހަމަަ ވަރަށް ގިނަ އޮންލައިން ސެޝަންތަކާ މި ބާއްވާ ކްލަބް ހައުސް ޑިސްކަޝަންތައްވެސް އެބަ ކުރިއަށް ގެންދޭ. އޭގަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ ކްލަބްހައުސް ޑިސްކަޝަންތައް ބާއްވާއިރު ގިނަފަހަރު މާލޭގަ އުޅޭ ރަށަށް ނިސްބަތްވެސް ނުވާ މީހުން ގިނައިން މި ވާހަކަ ދައްކައި ހިޔާލު ފާޅުކުރަނީ،"
"އެކަމު އަޅުގަނޑުމެން މި ދައްކަނީ ދޮށީ އުމުރުގެ މީހުންވެސް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންވެސް، ރަށުގެ އެކި ސެކްޓާސްތައް ހިމެނިގެންނޭ މި (ލޭންޑްޔޫސް) ޕްލޭން އަންނަންވާނީ އެމީހުންގެ ބައިވެރިވުމާ އެކީ" އަފްޝަން ވިދާޅުވިއެވެ.
އެހެންކަމުން އެ ރަށްތަކަށް ލޭންޑްޔޫސް ޕްލޭން އެކުލަވާލުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.
ވަކި މުއްދަތެއްގައި ނިންމުން ލާޒިމު ކަންކަން ގާނޫނުގައި ބަޔާންކުރާ މުއްދަތަށް ނުނިންމިއްޖެނަމަ ފަސްކުރެވޭގޮތައް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގައި ބައެއް ލުއިތައް ހިމަނާފައިވެއެވެ.
އެހެންކަމުން ލޭންޑްޔޫސް ޕްލޭން އެކުލަވާނުލެވި އޮތް އޮތުމަށް ހައްލު ލިބިގެންދާކަމަށް ލާމަރުކަޒީ ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރުން އާ ލޭންޑްޔޫސް ޕްލޭން ނުހެދުނު ނަމަވެސް ކޮންމެހެން ބޭނުން ކަންކަމަށް ސަރުކާރާ މަޝްވަރާކޮށްގެން ބިން ބޭނުންކުރުމުގެ ހުއްދަ ކައުންސިލަށް ލިބޭނެކަމަށް ލާމަރުކަޒީ ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.