ބޮޑުފިނޮޅުގެ މައްސަލައިގަ މެމްބަރު ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިން ދައުވާ އުފުލައިފި

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ --- ފޮޓޯ/ މަޖިލިސް

ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގް ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި އެ މައްސަލައިގައި މެމްބަރު ރިޒާގެ މައްޗަށް އުފުލާފައިވަނީ ދެ ދައުވާއެކެވެ. އެއީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި ގާނޫނުލްއުގޫބާތުގެ ދަށުން އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

މީހުން ޓްރެފިކިންގެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރުގެ ޖަލު ހުކުމެއް ރިޒާއަށް އަންނާނެއެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ޕީޖީ އޮފީހުން ބުނީ ބޮޑުފިނޮޅުގައި ތަރައްގީކުރަމުން އަންނަ ރިސޯޓުގައި މެމްބަރު ރިޒާގެ އާރުއައިއެކްސް ކުންފުނިން އެ ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް މީހުން ޓްރެފިކްކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާކަމަށެވެ.

އަދި ޓްރެފިކް ކުރެވިފައިވާކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރީން ރާއްޖޭގެ އެކި ރަށްރަށުން ހޯދައި އެ ބިދޭސީން އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންގޮސްފައިވާކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އަދި ބިދޭސީ މަސައްކަތްތެރިންގެ މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި އެ ކުންފުނިން ހިފައިގެން ގާނޫނާ ހިލާފަށް މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރީންނަށް މުސާރައާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން އެ ކުންފުނިން މަސައްކަތް ކުރުވާފައިވާކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކޮށް، ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ބިދޭސީންނަށް މަޖުބޫރުކޮށް، އެފަރާތްތަކުގެ މައްޗަށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކެއް ހިންގައި މީހުން ޓްރެފިކްކުރުމަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި މަސައްކަތްތެރީންގެ ހައްގުތަކާއި ގުޅުންހުރި އެހެން ފީއާއި ފައިސާ ނުދައްކައި މަސައްކަތްތެރީންގެ ހައްގުތައް އެ ކުންފުނިން ނިގުޅައިގަނެފައިވާކަމަށްވެސް ޕީޖީ އޮފީހުން މައްސަލައިގައި ދައުވާ ކުރަން ނިންމައި އާންމު ކުރި ބަޔާނުގައިވެއެވެ.

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން އާރުއައިއެކްސް ކުންފުނީގެ އޮފީސް ބަލައިފާސްކުރުމަށް ފުލުހުން ކުރި މަސައްކަތަށްވެސް މެމްބަރު ރިޒާ ހުރަސްއަޅާފައިވާތީކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ބޮޑުފިނޮޅުގެ މައްސަލައިގަ އިތުރު ދެ މީހެއްގެ މައްޗަށްވެސް ޕީޖީ އޮފީހުން ވަނީ ދައުވާ އުފުލާފައެވެ. އެ މައްސަލައިގައި ދެން ދައުވާ އުފުލާފައިވަނީ ނ. މާފަރު، ބްލާސަމްގެ، ހަސަން އުމަރާއި ށ. މިލަންދޫ، ރެޑްރޯސް، ނަސްރުﷲ އުސްމާންގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަދަބަކީ ހަތް އަހަރުގެ ޖަލު ހުކުމެކެވެ.

ބޮޑުފިނޮޅުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ އާރުއައިއެކްސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދީގެން އެރަށުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ބޮޑު ހަމަނުޖެހުމެއް ހިންގައިފައެވެ. އެ ހަމަނުޖެހުންތަކުގައި ކޮންޓްރެކްޓަރުގެ މުވައްޒަފުންތަކެއް ވަނީ ދިވެހީންތަކެއް ރަހީނުކޮށް، ރަށުގައި ހުރި ތަންތަނަށާއި، ހެވީ މެޝިނަރީތަކަށާއި، ވޯޓާ ޕައިޕްލައިން ތަކަށާއި، އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދީފައެވެ. އެ ބިދޭސީން ވަނީ އެ ރަށަށް ފުލުހުން އެރިޔަ ނުދޭންވެސް މަސައްކަތްކޮށް ފުލުހުންނާއިވެސް ކުރިމަތިލައިފައެވެ. އެ ހާދިސާގައި ބައެއް ފުލުހުންނަށްވެސް ވަނީ އަނިޔާ ލިބިފައެވެ. އެ ހަމަނުޖެހުމުގައި ބައިވެރިވި 19 ބިދޭސީއަކު ހައްޔަރުކުރިއެވެ.

ޖުލައި 2، 2020: ބ. ބޮޑުފިނޮޅުގައި ހިނގި ހަމަ ނުޖެހުން: މުޒާހަރާ ކުރި ބިދޭސީން ވަނީ ދިވެހިންގެ ބަޔަކު ރަހީނުކޮށް، އެ ރަށުގައި ހުރި މުދަލަށް ބޮޑެތި ގެއްލުން ދީފައި -- ފޮޓޯ: ފުލުހުން

މަޝްރޫއުގެ ކޮންޓްރެކަޓަރުކަމުގައިވާ އާރުއައިއެކްސް ކުންފުނީގެ މެނޭޖިންގެ ޑިރެކްޓަރުކަމުގައިވާ މެމްބަރު ރިޒާ ވަނީ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް-19 އާ ގުޅިގެން ނުދެވި ވާ ކަމަށް އޭރު އެއްބަސްވެވަޑައިިގެންފައެވެ.

އެ މައްސަލައިގަ އާރުއައިއެކްސްއިން ބުނީ މުވައްޒަފުންނަށް މުސާރަ ނުދެވި ވަނީ ޑިވެލޮޕަރު ކުންފުނި ސީލް މޯލްޑިވްސްއާއެކު ވެފައިވާ އެއްބަސްވުމުގައި ބުނާގޮތަށް އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބިފައި ނުވާތީ ކަމަށެވެ.

comment ކޮމެންޓް