ފުވައްމުލަކުގައި 4500 ކިލޯވޮޓްގެ ފޯމަރެއް ބައްހައްޓައި، ކަރަންޓް މައްސަލަ ހައްލު ކޮށްފި

ފުވައްމުލައް ސިޓީގައި ބެހެއްޓި 4500 ކިލޯވޮޓްގެ ޓްރާންސްފޯމަރު -- ފޮޓޯ/ ފެނަކ

ޏ. ފުވައްމުލައް ސިޓީގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް 4500 ކިލޯވޮޓްގެ ޓްރާންސްފޯމަރެއް ބަހައްޓައި، އެރަށަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލު ކޮށްފިއެވެ.

ފުވައްމުލައް ސިޓީން ކަރަންޓު ކެނޑުނީ 2500 ހައިވޯލްޓޭޖް ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރު ޒާހިރު އުސްމާން "ސަން"އަށް ވިދާޅުވީ ފުވައްމުލަކުގައި ބޭނުން ކުރަމުން އައި ޓްރާންސްފޯމަރު މިހާރަށް ބަލާއިރު ކުޑަ ވުމުން އޯވާލޯޑް ވީ ކަމަށެވެ.

އޭނާ ވިދާޅުވީ ރަށުގެ އާބާދީ އިތުރުވެ ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރު ވިޔަސް މިފަހަރު ބެހެއްޓި ޓްރާންސްފޯމަރު އަދި ކުރިއަށް އޮތް ފަނަރަ އަހަރަށްވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

"މިހާރު މި އިންސްޓޯލްކުރި ޓްރާންސްފޯމަރު އަދި ކުރިއަށް އޮތް ދިހަ ބާރަ ފަނަރަ އަހަރަށްވެސް ކުޑައެއް ނުވާނެ ކަމަށް ބަލާފަ އެވަރުގެ އެއްޗެއް އިންސްޓޯލް މި ކުރީ،" އުސްމާން ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގައި ބެހެއްޓި 4500 ކިލޯވޮޓްގެ ޓްރާންސްފޯމަރު -- ފޮޓޯ/ ފެނަކަ

އުސްމާން ވިދާޅުވީ އެފަދަ މައްސަލައެއް ދިމާނުވާނެ ގޮތަކަށް ކަންކަން ކުރުމަށް މިހާރުވެސް ގިނަ މަސައްކަތް ތަކެއް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ރަށުގައި ސެންޓަރ ޕަވާ ހައުސްއެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ތަން ގާއިމު ކުރުމަށް ވަގުތު ނަގާނެތީ، ދިމާވާ ކަރަންޓުގެ މައްސަލަތަކަށް މިވަގުތަށް ގެނެވެން އޮތް ހައްލުތަކެއް ގެންނަމުންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން އަދި އިތުރަށްވެސް ބޭނުންވާ ކަރަންޓުގެ ކަމެއް އޮތިއްޔާ އެކަމެއް ރަނގަޅު ކުރަމުން މި އަންނަނީ. ކޭބަލް ބޭނުންވާ ކަމަށްވާނަ އެ ކޭބަލްވެސް ފޮނުވައިގެން ކޭބަލް ނެޓްވޯކަށްވެސް މިވަގުތައް ބޭނުންވާ ކޭބަލް އެއް ވާނަ ފޮނުވައިގެން އެކަން ކުރިއަށް އޮތް ތަނުގައިވެސް ކުރާނެ ވާހަކަ ދަނަވަން،" ޒާހިރު އުސްމާން ވިދާޅުވި އެވެ.

comment ކޮމެންޓް