ބަޔާން ލީކުކޮށްލީ އަޅުގަނޑުމެންނޭ ބުނުމަކީ ބުއްދި ހަމަޖެހޭ ވާހަކައެއް ނޫން: ޔާމީންގެ ވަކީލުން

ފެބްރުއަރީ 14، 2021: ރައީސް ޔާމީންގެ ގަނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް --- ސަން ފައިލް ފޮޓޯ

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށްދޫކުރި މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ ތަހުގީގަށް ދެއްވަފައިވާ ބަޔާން ލީކުކޮށްލީ އެމަނިކުފާނުގެ ވަކީލުން ކަމަށް ބުނުމަކީ ބުއްދި ހަމަނުޖެހޭ ވާހަކައެއް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލު އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން ވާހަކަދައްކަވަމުން ވަކީލް އާދަމް ޝަމީމް "ސަން" އަށް ވިދާޅުވީ ރައީސް ޔަމީން ބަދުނާވުމާގޮތަށް އެބޭފުޅުން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ވަކީލުންގެ ޓީމުން އެބަޔާން ލީކުކޮށްލިކަމަށް ތުހުމަތުކުރުމަކީ ބުއްދިހަމަނުޖެހޭ ވާހަކައެެއްކަމަށެވެ.

"އަޅުގަނޑުމެން ކީއްކުރަންތޯ ރައީސް ޔާމީންގެ ބަޔާނެއް ލީކުކުރަންވީ؟ އަޅުގަނޑުމެންނަކީ ރައީސް ޔާމީންގެ ދިފާއީ ވަކީލުން. އަޅުގަނޑުމެންނަކީ ރައީސް ޔާމީން ދިފާއުކުރަން ތިބި މީހުން. ރައީސް ޔާމީން ބަދުނާމުވާގޮތަކަށް އަޅުގަނޑުމެން އެއްވެސް ކަމެއް ނުކުރާނެ." ޝަމީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީނާ މެދު ރައްޔިތުންގެ ވިސްނުން ކިލަނބުވާފަދަ އެއްވެސްކަމެއް ވެސް ވަކީލުން ނުކުރާނެކަމަށެވެ. އަދި އެކަހަލަ ނިޔަތެއްވެސް ނެތް ކަމަށް ވިދާޅުވިއެވެ.

"ފުރަތަމަ ބަލައިލަންވީ އެ ލީކު ކުރާނީ އަޅުގަނޑުމެންތޯ ނޫނީ އެހެން ބައެއްތޯ. އެކަހަލަ ނިޔަތެއް އޮންނާނީ ރައީސް ޔާމީނާ ދެކޮޅު މީހުން. އެންމެ ބޮޑަށް މި މައްސަލައިގައި ދެކޮޅު ފަރާތަކީ ޕީޖީ. ކޯޓުގައި ކަންތައް ކުރައްވާ ގޮތުން ޕީޖީގެ އެކަހަލަ ނިޔަތެއް ނެތެކޭ ނުބުނެވޭނެ މިންވަރަށް ކަންކަން ސާބިތުވޭ،" ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ މި ބަޔާން ލީކުވި ނޫހަކީ ވަކީލުންނާ އެއްވެސް ގުޅުމެއް އޮތް ނޫހެއްވެސް ނޫންކަމަށެވެ. އަދި ވަކީލުން އެ ބަޔާން ލީކުކޮށްލައިފިނަމަ އެ ބަޔާން ދާނީ އެ ބޭފުޅުންނާ ގުޅުން އޮންނަ މީޑިއާއަކަށްކަންވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ތަހުގީގަށް ދެއްވި ބަޔާން ލީކްކޮށްލީ އެމަނިކުފާނުގެ ވަކީލުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ތުހުމަތުކުރައްވާފައެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އެ ބަޔާން ލީކްވީ ރައީސް ޔާމީންގެ ވަކީލުންނަށް ކްރިމިނަލް ކޯޓުން އެ ބަޔާން ދިން ފަހުން ކަމަށެވެ.

comment ކޮމެންޓް