ރައީސް ނަޝީދަށް ދިން ހަމަލާއާމެދު ސަރުކާރުން ކަންބޮޑެއް ނުވޭ: އަފީފް

އޮގަސްޓް 21، 2019: ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު -- ސަން ފޮޓޯ/ ފަޔާޒު

މޭ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ސަރުކާރުން އެއްވެސް ވަރަކަށް ކަންބޮޑުނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

ރޭ ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގައި މާ ބޮޑު ގެއްލުމެއް ނުލިބޭކަމަށްވެސް ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާކަމަށެވެ.

"ޝެއިހް އިމްރާން ރައީސް ނަޝީދަށް ހަމަލާ ދިން ރޭ ނިކުމެފައި މާ ބޮޑުކަމެއް ނުވެޔޭ އަދި. އެހެންވީމާ ދެން އެ ބޭފުޅުންނަށް ކަމެއް ބޮޑެއް ނުވޭ. އަދި އެއް ނުވޭ. އެކަމު އެހިސާބަށް ދިޔައީމާ ބުނާނެ މިއޮތީ އެ ހިސާބަށް ގޮސްފައޭ. އެކަމު އެހެންނެއް ނޫން ވިދާޅުވާންޖެހޭނީ އެކަހަލަ މަގާމުތަކުގައި ތިބެގެން." އަފީފު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ މަސައްކަތަކަށް ވާންޖެހޭނީ ކަންކަން ގޯސްވުމުގެ ކުރިން އެ ކަންކަން ހުއްޓުވުމަށް މަސައްކަތްކުރުންކަމަށެވެ.

ހަމައެއާއެކު ރައީސް ނަޝީދަށް ދިން ހަމަލާ ފަދަ އިތުރު ހަމަލާތަކެއް ނުދީފާނެކަމުގެ އެއްވެސް ޔަގީންކަމެއް މިހާރު ނެތްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އެމްޑީޕީގެ ހުރިހާ މެމްބަރުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

comment ކޮމެންޓް