އިންޑިއާއިން މޮރިޝަސްގައި އަޅާކަމަށް ބެލެވޭ އަސްކަރީ ބޭސް އަޅަނީ އެފްކޮންސްއިން: އަލްޖަޒީރާ

މޮރިޝަސްގެ ރަންވޭ ބޮޑު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން -- ފޮޓޯ: އަލްޖަޒީރާ

މޮރިޝަސްގެ ރަށެއް ކަމަށްވާ އަގަލެގާގައި އިންޑިއާއިން ސިއްރު އަސްކަރީ މަރުކަޒެއް ހަދަމުންދާ ކަމަށް އަލްޖަޒީރާގެ ތަހުގީގަކުން ދައްކައިފިއެވެ. އަލްޖަޒީރާގެ ތަހުގީގު ދެއްކި ގޮތުގައި މޮރިޝަސްގެ އަގަލެގާގައި އެ ބޭސް އެޅުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

އެފްކޮންސްއަކީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ހިންގަމުން އަންނަ ކުންފުންޏެވެ. އަދި މާލެއާއި ތިލަފުށި ގުޅަލާ ބްރިޖު ހެދުމުގެ މަޝްރޫއުވެސް އެވޯޑުކުރަން ހަމަޖެހިފައިވަނީ އެ ކުންފުންޏަށްކަން "ސަން"އަށް އެނގިފައިވެއެވެ.

އިންޑިއާ-މޮރިޝަސް އެއްބަސްވީ އަގަލެގާއަށް އުމްރާނީ ތަރައްގީ ގެންނަން

އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓުގައިވާ މޮރިޝަސްގެ މައި ރަށާ 684 މޭލު ދުރުގައި އޮންނަ އަގަލެގާއާ ބެހޭ އެއްބަސްވުމެއް އެގައުމާއި އިންޑިއާއިން ހެދީ 2015 ގައެވެ. އަދި އެ އެއްބަސްވުމުގައި ވަނީ، އެހެން ރަށްތަކާ ދުރުގައި އޮންނަ އަގަލެގާއާ އެހެން ސަރަހައްދުތަކާ އޮންނަ ގުޅުން ރަނގަޅު ކުރުމަށްޓަކައި އެ ރަށަށް އާ އުމްރާނީ ވަސީލަތްތައް ތައާރަފްކޮށް މިހާރު ހުރި ވަސީލަތްތައް ހަރުދަނާ ކުރުމަށް ނިންމާފައެވެ.

އޭގެ ފަހުން، އަގަލެގާގައި އިންޑިއާއިން އަސްކަރީ މަރުކަޒެއް އަޅާ ކަމުގެ ތުހުމަތުތައް ފުރަތަމަ ފެންމަތިވީ 2018 ގައެވެ. ނަމަވެސް މޮރިޝަސްއާއި އިންޑިއާއިންވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އަގަލެގާ ތަރައްގީ ކުރަނީ އެ ރަށުގެ ރައްޔިތުންގެ ބޭނުމަށް ކަމަށް ބުނެފައެވެ.

މޮރިޝަސްގައި ދެ ބަނދަރު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން -- ފޮޓޯ: އަލްޖަޒީރާ

"އަގަލެގާގައި އަސްކަރީ މަރުކަޒެއް ހަދަން މޮރިޝަސް އާއި އިންޑިއާއާ ދެމެދު އެއްބަސްވުމެއް ހަދާފައި ނުވާނެކަން އަޅުގަނޑު އަނެއްކާވެސް ދަންނަވަން،" މޮރިޝަސްގެ ބޮޑުވަޒީރު ޕުރަވިންދު ޖަގްނައުތު މިދިޔަ މެއި މަހު ވިދާޅުވިއެވެ.

އަގަލެގާގައި ދެ ބަނދަރާއި ރަންވޭ ތަރައްގީ ކުރުން

އަލްޖަޒީރާގައިވާ ގޮތުން 300 ވަރަކަށް މީހުން ދިރިއުޅޭ އަގަލެގާގައި ބޮޑު ދެ ޖެޓީ އާއި ތިން ކިލޯމީޓަރަށް ވުރެ ދިގު ރަންވޭއެއް އަޅަމުންދާ ކަމަށް ސެޓެލައިޓު ފޮޓޯތަކުން ދައްކައެވެ.

އެ ރަށުގައި މިހާރު އޮތް ރަންވޭއަކީ މޮރިޝަސްގެ ކޯސްޓުގާޑުން ބޭނުން ކުރަމުންދާ ކުދި ޕްރޮޕެލާ ބޯޓުތަކަށް ޖެއްސޭ ވަރުގެ ރަންވޭއެކެވެ. ނަމަވެސް އާ ރަންވޭ، ދުނިޔޭގެ އެންމެ ބޮޑެތި އެއާޕޯޓުތަކުގައި އޮންނަ ރަންވޭތަކާ އެއްވަރު ވާނެ ކަމަށް އަލްޖަޒީރާއިން ހާމަކުރިއެވެ.

އިންޑިއާގެ ތަފާތު ސިޔާސަތުތައް ދިރާސާ ކުރާ ތިންކް ޓޭންކެއް ކަމަށްވާ އޮބްޒާވާ ރިސާޗް ފައުންޑޭޝަން (އޯއާރުއެފް)ގެ މެމްބަރު، އަބީޝެކް މިޝްރާ ވިދާޅުވި ގޮތުގައި އަގަލެގާގައި އަޅަމުން ދަނީ އިންޑިއާއިން، އިންޑިއާ ކަނޑުގެ ހުޅަނގު ދެކުނުގައާއި މޮޒަމްބީކް ޗެނަލްގައި ސަވެއިލެންސް އިތުރު ކުރުމަށް އަޅާ ޖާސޫސީ ފެސިލިޓީއެކެވެ. އަދި އެ މަރުކަޒަށް އާއްމުކޮށް ގެންދާނީ އިންޑިއާގެ ކަނޑުގެ ބޯޓުތަކާއި ޕީ-81 މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓުތައް ކަމަށް މިޝްރާ ލަފާ ކުރެއްވިއެވެ.

މީގެ އިތުރުން އަލްޖަޒީރާއިން ވަނީ އަގަލެގާގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނާ ބަރުކޮށްގެން އިންޑިއާގެ ބަނދަރުތަކުން، މޮރިޝަސްއަށް ގޮސްފައިވާ ބޯޓުތައް ޓްރެކްކޮށްފައެވެ. އަދި އެ ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތްކުރުމަށްޓަކައި ފާއިތުވި ދެ އަހަރުތެރޭ ގެންގޮސްފައިވާ އެތައް ސަތޭކަ މީހުން އަގަލެގާގެ އެންމެ އުތުރުގައި ދިރިއުޅެމުންދާ ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދަނީ އޮފްކޮންސްއިން ކަން އެމީހުންގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން ދޭހަވާ ކަމަށް އެނޫހުން ރިޕޯޓުކުރިއެވެ.

އަގަލެގާގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް އެތައް ސަތޭކަ މީހުން ގެންގޮސްފައިވޭ -- ފޮޓޯ: އަލްޖަޒީރާ

އިންޑިއާ އާއި ޗައިނާގެ ވާދަވެރިކަން

އަލްޖަޒީރާގައި ވާ ގޮތުން، އިންޑިއާއިން މޮރިޝަސްގައި އަސްކަރީ މަރުކަޒެއް އަޅާ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު އިތުރު ވަމުން ދިޔުމެވެ. އަދި ޗައިނާއިން ބޭރުގައި އެގައުމުގެ ފުރަތަމަ އަސްކަރީ މަރުކަޒު 2017 ވަނަ އަހަރު ހުޅުވާފައި ވާތީ، އިންޑިއާގެ ނުފޫޒުވެސް އިތުރު ކުރަން އެގައުމުން ބޭނުން ވަނީއެވެ.

އިންޑިއާ ކަނޑުގެ މައްސަލަތައް ދިރާސާ ކުރައްވާ އޮސްޓްރޭލިއާގެ ނެޝަނަލް ޔުނިވާސިޓީގެ ރިސާޗަރެއް ކަމަށްވާ ސެމުއެލް ބޭޝްފީލްޑް ވިދާޅުވި ގޮތުގައި އަގަލެގާ އޮންނަނީ އިންޑިއާއަށް ވަރަށް މުހިއްމު ސަރަހައްދެwqގައެވެ.

އެއީ އެގައުމުގެ މަތިންދާބޯޓުތަކުން އޮޕަރޭޝަންތައް ލޯންޗު ކުރުމަށާއި ކަނޑު ބޯޓުތަކަށް ސަޕޯޓު ދެވޭނެ ފަދަ ޖާގައެއް އޮތުން އިންޑިއާއަށް މުހިއްމު ސަރަހައްދެކެވެ. އަދި އަގަލެގާ އަކީ އެފަދަ ބޭނުންތަކަށް އަސްކަރީ މަރުކަޒެއް ގާއިމު ކުރުމަށް އެންމެ ރަނގަޅު ސަރަހައްދެވެ.

"އަސްކަރީ ބޭނުމަކަށް ފިޔަވައި މި ރަށް ތަރައްގީ ކުރާނެ އެހެން ސަބަބެއް ނެތް،" ބޭޝްފީލްޑް ވިދާޅުވިއެވެ.

މީގެ އިތުރުން އަގަލެގާގައި އަސްކަރީ މަރުކަޒެއް ހެދުމުން، މޮޒަމްބީކް ޗެނަލްއިން ދަތުރު ކުރާ ބޯޓުތައް އިންޑިއާއަށް ޓްރެކް ކުރެވޭނެ ކަމަށް އޯއާރުއެފްގެ މިޝްރާ ވިދާޅުވިއެވެ. އަދި މޮރިޝަސްއާ އެކު އިންޑިއާއިން ހަދާފައިވާ އެއްބަސްވުމުގެ ބޭނުމަކީ މި ސަރަހައްދުގައި އިންޑިއާ ހަރާކާތްތެރިވާ މިންވަރު އިތުރު ކުރުންކަމަށް އޭނާ ލަފާކުރެއްވިއެވެ.

comment ކޮމެންޓް