ޖަޕާނުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ތެރޭގައި ކޯޗުންނަށް ފާޑުކިޔުމުގެ ސަބަބުން އަނބުރާ ގައުމަށް ފޮނުވާލަން އުޅުނު ބެލަރޫސްގެ ދުވުންތެރިޔަކު ޕޮލެންޑުގެ ހިމާޔާތް ހޯދުމަށްފަހު ޖަޕާނުން ފުރައިފިއެވެ.
އޮލިމްޕިކްސްގައި 200 މީޓަރު ދުވުމުގައި ވާދަ ކުރަން ދިޔަ ޓިމަނޮވްސްކަޔާ އޭނާގެ ކޯޗުންނަށް ފާޑުކީ، އޭނާއަށް ތައްޔާރުވާނެ ވަގުތު ނެތީސް އެހެން ރޭހެއްގައި ބައިވެރިކުރުމުންނެވެ. އަދި އެ ޝަކުވާ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ފަހުން ބެލަރޫސްގެ އޮފިޝަލުންތަކެއް އޭނާގެ ކޮޓަރިއަށް ގޮސް، ފުރަން ތައްޔާރުވާން އެންގި ކަމަށާއި އޭގެ އެއް ގަޑި އިރު ފަހުން ޓޯކިޔޯގެ އެއާޕޯޓަކަށް އޭނާ ގެންދިޔަ ކަމަށް ޓިމަނޮވްސްކަޔާ ބުންޏެވެ.
ޓިމަނޮވްސްކަޔާ އެއާޕޯޓަށް ގެންދިޔުމުން އޭނާ ޓޯކިޔޯގެ ފުލުހުންގެ ފަރާތުން ރައްކާތެރިކަމަށް އެދުނެވެ. އަދި އިއްޔެ އޭނާ ވަނީ ޓޯކިޔޯގައި ހުންނަ ޕޮލެންޑުގެ އެމްބަސީއަށް ގޮސް ޕޮލެންޑުގެ ހިމާޔަތް ހޯދައިފިއެވެ.
އެއާ އެކު ކަންތައްތައް ހަމައަކަށް އެޅެންދެން ޕޮލެންޑަށް ދާން އޭނާ ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނާއިރު، މިއަދު ހެނދުނުގެ ފްލައިޓަކުން ޓިމަނޮވްސްކަޔާ ވަނީ އޮސްޓްރިއާގެ ވިއެނާއަށް ފުރައިފައެވެ.
ޓިމަނޮވްސްކަޔާ ބުނީ އޭނާއަށް އެނބުރި ބެލަރޫސްއަށް ދެވޭނީ ފުރިހަމަ ހިމާޔާތް ލިބޭނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށާއި، ހީވާގޮތުން އެނބުރި ގައުމަށް ދެން ދެވޭނީ 10 ވަރަކަށް އަހަރު ފަހުން ކަމަށެވެ.
އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އޯއައިސީ) އިން މިހާރު ވަނީ އެ މައްސަލައިގެ ތަހުގީގެއް ފަށައިފައެވެ. އެގޮތުން އެދުވަހު ކަންތައް ދިމާވިގޮތުގެ ފުރިހަމަ ރިޕޯޓެއް ހަދައި ފޮނުވުމަށް ބެލަރޫސްއަށް އަންގައިފައިވާއިރު، މި ތަހުގީގު ފުރިހަމަ ކުރުމަށް ވަގުތު ބޭނުންވާކަމަށް އޯއައިސީއިން ވަނީ ބުނެފައެވެ.
ބެލަރޫސްގައި މިދިޔަ އަހަރު އެގައުމުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާތަކުގައި ބައިވެރިވި އެތުލީޓުންނަށް ވަނީ އެގައުމުން ފިޔަވަޅު އަޅާފައެވެ. އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެމީހުންނަށް ސަރުކާރުންދޭ ފައިސާގެ އެހީ ހުއްޓުމާއި ގައުމީ ޓީމުން ބޭރު ކުރުމާއި ހައްޔަރު ކުރުންވެސް ހިމެނެއެވެ.