ޖާގަ ތަނަވަސް ކްރީކް ވިއު: ވައި ދައުރުކުރަން 15،000 އަކަފޫޓު!

ދަ ކްރީކް ވިއު--

ޖާގައިގެ ގޮތުން ތަނަވަސް އަދި ވައި ދައުރުކުރަން ބޮޑު ޖާގައެއް ހިމެނޭ ގޮތަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާ "ދަ ކްރީކް ވިއު" މަޝްރޫއު އިފްތިތާހުކޮށްފި އެވެ.

މިކްސްޑް ރެޒިޑެންޝަލް އެޕާޓްމަންޓް ކޮމްޕްލެކްސްއެއް ތަރައްގީކުރަން ފެށި މި މަޝްރޫއުއަކީ ރާއްޖޭގައި އިމާރާތް ކުރުމާއި ކޮންޓްރެކްޓިން ދާއިރާގައި ކާމިޔާބު ސާސްއީ ކޮންސްޓްރަކްޝަންއާއި ގްލަޓް އިންވެސްޓަމްންގެ ޖޮއިންޓް ވެންޗާ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

ދަ ކްރީކް ވިއު--

އެ މަޝްރޫއުއާއި ދަ ކްރީކް ވިއުގެ އޮފިޝަލް ވެބްސައިޓު އިފްތިތާހު ކުރުމަށް އިއްޔެ މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ސާސް އީ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހްމަދު ވިދާޅުވީ، ކްރީކް ވިއުއަކީ، ޖާގައިގެ ގޮތުން ތަނަވަސް އަދި ސާފުވައި ދައުރުވާ ފަދަ މާހައުލެއްގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަރައްގީކުރާ އިމާރާތެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ އިމާރާތް ތަރައްގީ ކުރަނީ އެކަމަށް ވަރަށް ފުރިހަމަ ލޮކޭޝަނެއްގައި ކަމަށެވެ.

"އިމާރާތް ހުންނާނީ ހުޅުމާލޭގެ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި ހަދަމުންދާ ކްރީކް ނުވަތަ ކޯރުގެ ކުރިމައްޗަށްވާ ގޮތަށް، އެންމެ ބޭރަށް އޮންނަ މަގު (ކުރެދިމާހިނގުން) ގައި. މި ލޮކޭޝަންގެ ގޮތުން މިއީ ވަރަށް ފުރިހަމަ ލޮކޭޝަނެއް. މިއީ 30،000 އަކަފޫޓުގެ ބިމެއް. ބިލްޑްއަޕް އޭރިއާއަކީ 15،000 އަކަފޫޓު. އެހެންވީމަ އަދި 15،000 އަކަފޫޓުގެ ސަރަހައްދެއް އަބައޮތް ވަށައިގެން، ވެންޓިލޭޝަނަށާއި އެހެނިހެން ބޭނުންތަކަށް،" ސައުދުﷲ ވިދާޅުވި އެވެ.

ދަ ކްރީކް ވިއު އެޕާޓްމަންޓް ކޮމްޕްލެކްސްގައި ހިމެނެނީ ޖުމުލަ 114 އެޕާޓްމަންޓް އެވެ. އޭގެ ތެރޭގައި 44 ލަގްޒަރީ އެޕާޓްމަންޓް ހިމެނޭއިރު، 70 އެޕާޓްމަންޓް ވިއްކަން ހަމަޖެހިފައިވަނީ އަކަފޫޓަކަށް 2185 ރުފިޔާ ޖެހޭ ގޮތަށް، ކޮންޓްރޯލް ކޮށްފައިވާ އަގުތަކެއްގަ އެވެ.

ސައުދުﷲ ވިދާޅުވީ އެ އިމާރާތް ފަރުމާކޮށްފައިވަނީ ވަކިވަކިން ކޮންމެ އެޕާޓްމަންޓެއްގެ ވެސް ވަށައިގެން ހުސް ޖާގައާއެކު، ވެންޓިލޭޓްވާ ގޮތަށް ކަމަށެވެ. އަދި އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި ވެސް ޕަބްލިކް އޭރިއާއަކާއި ކުޑަކުދިންނަށް ހާއްސަ ސަރަހައްދެއް ހުންނާނެ ކަމަށް ވިދާޅުވި އެވެ.

އިމާރާތުގެ ގްރައުންޑް ފްލޯގައި ހާއްސަކޮށްފައިވަނީ ކޮމާޝަލް ބޭނުންތަކަށެވެ. އަދި ގްރައުންޑް ފްލޯއާއި ބޭސްމަންޓުގައި ސައިކަލާއި ކާރު ޕާކުކުރެވޭނެ ޖާގަ ހިމެނޭނެ އެވެ. އަދި އެ އިމާރާތުގައި ސްވިމިން ޕޫލެއްވެސް ހިމެނެ އެވެ.

މުޅި އިމާރާތުގައި ހިމެނެނީ ހަތަރު ލިފްޓެވެ. އެއީ އާންމުން ބޭނުން ކުރުމަށް ހާއްސަ 11 މީހުންގެ ޖާގައިގެ ތިން ލިފްޓާއި ކާގޯ ލިފްޓެކެވެ.

ތާވަލާ އެއްގޮތަށް ކަންކަން ކުރިއަށްދާ ނަމަ، މިއަހަރުގެ އޮކްޓޫބަރު މަހު މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ އެވެ. އަދި ފައުންޑޭޝަންގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވާއިރު، މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 36 މަސް ދުވަހުގެ ތެރޭގަ އެވެ.

މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އަދި އެޕާޓްމަންޓް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމު، ދަ ކްރީކް ވިއުގެ ވެބްސައިޓުން ލިބޭނެ އެވެ.

comment ކޮމެންޓް