ރައީސް ސޯލިހު ޕްރޯ އެކްޓިވް ވާން އެބަޖެހޭ: ޑީޑީ

ޑރ. ޑީޑީ -- ސަން ފައިލް ފޮޓޯ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަންކަން ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޕްރޯ އެކްޓިވް ވާންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލްގެ 'ހަވާސާ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެމްޑީޕީގެ އެތެރޭގައި އުޅޭ މައްސަލަތަކަށް އަލިއަޅުވާލައި ޑރ. ޑީޑީ ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވާ ކޮންމެ އެއްޗަކަށް ރައީސް ސޯލިހު ރައްދު ނުދެއްވި ނަމަވެސް، އެމްޑީޕީ ތެރޭގައި އުޅޭ މައްސަލަތައް ހައްލު ކުރުމަށް ރައީސް ސޯލިހު މިިހާރަށް ވުރެ ބޮޑަށް މަސައްކަތްކުރަން ޖެހޭކަމަށެވެ.

"ގައުމުގެ ހާލަތު މި ދާގޮތާ، ދެން ހަމަ ރައީސް ނަޝީދު އެ ދައްކަވާ ވާހަކަފުޅުތަކުން އުފެދޭ ސުވާލުތަކާ، ކޮމިއުނިޓީ ތެރޭގައި ހުރި ކަންބޮޑުވުންތަކާ، ޕާޓީގެ އާންމު މެންބަރުންގެ ހުރި ކޮންސާންތަކާ، ޕާޓީ ބައިބައިވެގެން ދިއުމުގެ ރިސްކް ބޮޑުކަމާ މި ހުރިހާ ކަންތައްތަކަށް ރިއާޔަތްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެބަ ޖެހިވަޑައިގަންނަވާ ޕާޓީގެ ކަންތައްތައް ރަނގަޅުކުރަން ތަންކޮޅެއް ޕްރޯ އެކްޓިވް ރޯލެއް ކުޅުއްވަން،" ޑރ. ޑީޑީ ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގެ މީހުންގެ ވާހަކަ ރައީސް ނަޝީދު ދައްކަވާކަން ފާހަގަ ކުރައްވާ ޑރ. ޑީޑީ ވިދާޅުވީ އެކަންކަން ހަމަމަގަށް އަޅުވަން ކަންތައްތަކެއް ކުރެވޭނެކަމަށެވެ. އެގޮތުން ދީނީ އިލްމުވެރިންނާ މަޝްވަރާ ކުރައްވާ، މީހުން ހޭލުންތެރިކުރަން މަސައްކަތް ކުރަން ޖެހޭކަމަށް ޑރ. ޑީޑީ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވާ ބީދައިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މީހުން ހައްޔަރު ކުރުމަކީ ހައްލެއް ނޫންކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ ވިދާޅުވީ ހަރުކަށި ފިކުރަށް މީހުން ތަބާވާ އެއް ސަބަބަކީ ރަނގަޅަށް މައުލޫމާތު ނުލިބުން ކަމަށެވެ. އެހެންކަމުން މީހުން ބަންދު ކުރުމުގެ ބަދަލުގައި ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަކި އެންމެ ރަނގަޅު ގޮތްކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. މިއިން އެއްވެސް ކަމަކަށް "އެޑްރެސް ނުކުރައްވާ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަނު ހުންނެވުމަކީވެސް ގޯހެއްކަމަށް ދެކިލައްވާކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

comment ކޮމެންޓް