ލުކާކޫ ވިއްކާލަން އިންޓައިން ދެކޮޅު!

އިންޓަ މިލާންގެ ފޯވާޑް ލުކާކޫ ގޯލެއް ޖެހުމަށްފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ: ދި އިންޑިޕެންޑެންޓް

އިންޓަ މިލާންގެ ބެލްޖިއަމް ފޯވާޑް ރޮމެލު ލުކާކޫ އަނބުރާ ކުރީގެ ކުލަބް ޗެލްސީއަށް ގެންދިއުމަށް އެކުލަބުން ކުރަމުންދާ މަސައްކަތުގައި އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޔޫރަޕުގެ ޗެމްޕިއަން ޗެލްސީއިން މިހާތަނަށް ވަނީ އިންޓަ މިލާންއަށް ދެ ހުށައެޅުމެއް ފޮނުވާފައެވެ. ނަމަވެސް މި ދެ ހުށައެޅުމަށްވެސް އިންޓައިން ވަނީ ނޫނެކޭ ބުނެފައެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން އިންޓައަށް ދިމާވެފައިވާ ފައިސާގެ ދަތިކަމުގެ ބޭނުން ހިފައި މިހާރަށް ވުރެ ރަނގަޅު ހުށައެޅުމެއް އެ ކުލަބައް ފޮނުވަން ޗެލްސީއިން އަންނަނީ ތައްޔާރުވަމުންނެވެ.

ޗެލްސީގެ އެންމެ ފަހުގެ ހުށައެޅުމުގައި އެޓީމުން ވަނީ ޑިފެންޑަރު މާކަސް އަލޮންސޯވެސް ހިމަނާފައެވެ. އިންޓައިން ބޭނުން ވަނީ ޗެލްސީއިން 100 މިލިއަން ޔޫރޯއަށްވުރެ ބޮޑު ބިޑެއް ހުށައެޅުމަށެވެ.

އުމުރުން 28 އަހަރުގެ ލުކާކޫ ވަނީ މިދިޔަ ސީޒަނުގައި 24 ގޯލް ޖަހައި 11 އެސިސްޓް ހަދާފައެވެ. ޔުނައިޓެޑުން އިންޓަ މިލާނަށް އޭނާ ބަދަލުވިފަހުން އޭނާ ވަނީ އިންޓަ މިލާންއަށް މުހިންމު ކުޅުންތެރިޔަކަށް ބަދަލުވެފައެވެ.

މިދިޔަ ހަފްތާގައި ދިން އިންޓަވިއުއެއްގައި ލުކާކޫ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާންފަށާފައިވާކަމަށާއި އަދި އޭނާ ބޭނުންވަނީ ކުރިއަށް އޮތް ސީޒަނުގައި އިޓަލީގައި މަޑުކުރަން ކަމަށް ބުނެފައެވެ.

ބެލްޖިއަމްގެ އަންޑަލެކްޓްއިން 2011 ވަނަ އަހަރު ލުކާކޫ ޗެލްސީއާއި ގުޅުނު ނަމަވެސް އެ ސީޒަނުގެ ބޮޑުބައި އޭނާ ހޭދަކުރީ ޗެލްްސީގެ ބެންޗުގައެވެ. ޖެހިގެން އައި ސީޒަން އޭނާ ހޭދަކުރީ ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓް ބްރޮމްގައެވެ.

އެއަށްފަހު ދާއިމީ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ބަދަލުވީ އެވަޓަންއަށެވެ. އޭގެ ފަހުން 2017 ވަނަ އަހަރު އޭނާ ވަނީ އެވަޓަން ދޫކޮށް ބޮޑު އަގެއްގައި ޔުނައިޓެޑަށް ބަދަލުވެފައެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޗެލްސީއިން އަންނަނީ ލުކާކޫގެ އިތުރުން ސެވިއްޔާގެ ޑިފެންޑަރު ޖޫލްސް ކުންޑޭގެ އެ ކުލަބަށް ގެނައުމަށްވެސް މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް