އަމާޒަކީ އަންނަ އަހަރު ކަރަންޓު ހިދުމަތް ރަށްރަށުގައި ރަނގަޅުކުރުން: ސައީދު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު --- ފޮޓޯ/ ޕީއެސްއެމް

ފެނަކަ ކޯޕަރޭޝަން ގެ އަމާޒަކީ މިހާރު ކަރަންޓުގެ ހިދުމަތް ދިނުމުގައި ފެންވަރު ދަށް ރަށްރަށުގެ ހިދުމަތް އަންނަ އަހަރުގެ މެދަށް އަންނައިރު ރަނގަޅުކުރުންކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މިހާރު އެ ކުންފުނިން ކުރަމުން އަންނަނީ އެ ފަދަ ރަށްރަށުގެ އިންޖީނު ގެތައް ރީލޮކޭޓް ކުރުމުގެ މަސައްކަތްކަމަށެވެ.

"ގާތްގަނޑަކަށް 60 ރަށަކީ ރާއްޖޭގައި ނާޒުކު ހާލަތެއްގައި ކަރަންޓު ދެމުންދާ ރަށްތައް. މިއަދާ ހަމައަށް ލިބޭ އުފަލަކީ އެ ފަދަ ހުރިހާ ރަށެއްގެ އިންޖީނުގެތައް ރީލޮކޭޓް ކުރުމުގެ މަސައްކަތް ފެއްޓި. އަޅުގަނޑުމެން އަންދާޒާކުރީ މިފަދަ ހުރިހާ މަސައްކަތެއް އަހަރުގެ މެދުތެރެޔަށް ނިންމާލަން. އެހެންނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ހާލަތާއެކު ލަސްވީ،" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ މީގެ ކުރިން އިންޖީނު ގެތައް އެޅިފައިހުރީ އެއިރާ ބަލާއިރު ރަނގަޅު ތަންތަނުގައި ކަމަށެވެ. ނަމަވެސް އާބާދީ އިތުރުވެ އެ ތަންތަން މިހާރު ހުރީ ރަށުގެ މީހުން ދިރިއުޅޭ ހިސާބުތަކުގައިކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ތާވަލާ އެއްގޮތަށް މަސައްކަތް ދާކަމުގައިވާނަމަ ކަނޑައެޅިފައިވާ ދުވަހަށް ނިންމާލެވޭނެކަމަށް ސައީދު ވިދާޅުވިއެވެ.

އަދި މިހާރުވެސް ގިނަ ކަންކަން ހާސިލުވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

comment ކޮމެންޓް