އިދިކޮޅުން ފޮނުވި ދައުވަތު ގަބޫލު ނުކުރާނަން: އާދަލަތު ޕާޓީ

19 ފެބްރުއަރީ 2016: އާދާލަތު ޕާޓީން އާޓިފިޝަލް ބީޗުގައި ބޭވިޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: މުހަންމަދު އަފްރާހް

ރާއްޖެ އަޅުވެތިކަމުން ސަލާމަތް ކުރުމަށް ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ކެމްޕެއިނާ ގުޅުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފިއެވެ.

ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަ ބްދުލްގައްޔޫމްގެ އިސް ނެގުމާއެކު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މި ފެށި ގައުމީ ކެމްޕެއިންގައި ބައިވެރި ވުމަށް ހަތަރު ޕާޓީއަކަށް ވަނީ ރަސްމީ ދައުވަތު ފޮނުވާފަ އެވެ.

އެ ހަތަރު ޕާޓީގެ ތެރޭގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމް ހިމެނެ އެވެ.

މީގެ އިތުރުން ހަތަރު ވަނަ ޕާޓީއެއްގެ ގޮތުގައި ދައުވަތު ފޮނުވާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު "ސަން"އަށް ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް ލޮޅުމެއް އަރާފަދަ ހާލަތެއް މިވަގުތަކު ނެތް ކަމަށެވެ.

އެހެންކަމުން އެ ނަމުގައި، ގައުމު ހަލަބޮލި ކުރުމަށް ކުރެވޭ މަސައްކަތެއްގައި އަދާލަތު ޕާޓީގެ ފަރާތުން ބައިވެރި ވުމުގެ ޝައުގުވެރި ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާ ފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ އެހެން ޕާޓީ އަކުން ދައުވަތު ދޭތޯ މަޑު ނުކުރާނެ ކަމަށާއި އޭގެ ބަދަލުގައި އެންމެ ފުރަތަމަ އިސްނަގައިގެން ނުކުންނަ ޕާޓީ އަކީ އަދާލަތު ޕާޓީއަށް ވާނެ ކަމަށެވެ.

"މިނިވަން ކަމަށް ލޮޅުމެއް އަތުވެދާފަދަ ހާލަތެއް ރާއްޖޭގަ މިވަގުތު ނެތް. އެހެންވީމަ އެ ނަމުގަ ސިޔާސީ ގޮތުން ގައުމު ހަލަބޮލި ކުރުމަށްޓަކައި ކުރެވޭ މަސައްކަތެއްގަ ބައިވެރިވުމުގެ ޝައުގުވެރި ކަމެއް އަދާލަތު ޕާޓީގަ ނެތް،" ނަޒީރު ވިދާޅުވި އެވެ.

އަލީ ނަޒީރު ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު އަޑިއަޅާ، އެތައް ބައެއްގެ ފުރާނަ މި ދުނިޔެއާ ވަކިވެ، ގޮސްފައިފާ މިފަދަ ނުތަނަވަސް ވަގުތެއްގައި ގައުމު ހަލަބޮލި ކުރުމަށްޓަކައި ކުރެވޭ އެފަދަ މަސައްކަތް ތަކަކީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީ ތަކުން މި ހާލަތުގައި ކޮށްދެވޭ އެންމެ މުހިއްމު ކަމަކީ މި ވަޅުގަނޑުން އަރައިގަނެ ރާއްޖޭގެ އިގްތިސޯދު އާރާސްތު ކުރުމަށްޓަކައި ސަރުކާރަށް އެއްބާލުން ދީގެން މަސައްކަތް ކުރުން ކަމަށެވެ.

comment ކޮމެންޓް