މިޔަންމާގެ ސަރުކާރުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކޮވިޑް ބޭނުންކުރާކަމުގެ ތުހުމަތު

މިޔަންމާ ---

ކޮވިޑް ބަލީގެ މަރުތައް ދުވަހުން ދުވަހަށް އިތުރު ވަމުންދާއިރު މިޔަންމާގައި އެ ގައުމުގެ ސަރުކާރުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކޮވިޑް ބޭނުންކުރާކަމުގެ ތުހުމަތު އެ ގައުމުގެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ކުރަން ފަށައިފިއެވެ.

މިޔަންމާގައި ކޮވިޑުގެ ހާލަތު ގޯސްވެ މިހާރު ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކޮވިޑުގެ ހާލަތު އެންމެ ގޯސް އެއް ގައުމުގެ ގޮތުގައި އެ ގައުމު ވަނީ ހިމެނިފައެވެ. އަދި ހަމައެއާއެކު ކޮވިޑް-19 ގެ އާ ކޭސްތައް ގިނަވެ އެ ގައުމުގެ ސިއްހީ ނިޒާމުވެސް ވަނީ ވަރަށް ބޮޑަށް ބޮއްސުން ލައިގެން ގޮސްފައެވެ.

އެގޮތުން މިހާރު އެ ގައުމުގައި ބަލި މީހުންނަށް ފަރުވާ ދޭން ބޭނުންކުރާ މެޑިކަލް އޮކްސިޖަން ހުސްވެ، އަމިއްލަ ފަރާތްތަކުން އޮކްސިޖަން ވިއްކުން ވެސް ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް މިއާއެކު އެ ގައުމުގެ ސަރުކާރަށް ވަނީ މިކަން މަނާކޮށް މިލިޓަރީ އާއި ސަރުކާރަށް ތާއީދުކުރާ މީހުންނަށް ފައިދާވާނެހެން އޮކްސިޖަން ބަހަމުން ގެންދާ ކަމުގެ ތުހުމަތު ކުރަމުންނެވެ.

"ސަރުކާރުން ވަނީ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް އަދި މާސްކުވެސް ދިނުން ހުއްޓާލައިފައި. ޑިމޮކްރަސީ މޫވްމެންޓަށް ތާއިދުކުރާކަމަށް ޝައްކުކުރެވޭ އެއްވެސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދުމަކަށް ފުރުސަތެއް ނުދޭ. މި ހަރަކާތަށް ތާއީދުކުރާ ޑޮކްޓަރުންވެސް އަންނަނީ ހައްޔަރުކުރަމުން،" ޔޫއެންގެ ކުރީގެ މިޔަންމާގެ އިންސާނީ ހައްގުތަކާ ބެހޭ އެކްސްޕާޓް ޔަންގްލީ ވިދާޅުވިއެވެ.

މިޔަންމާގެ ސަރުކާރުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާއިރު މި ތުހުމަތުތަކަށް އެއްވެސް ރައްދެއް އަދިވެސް ދީފައެއް ނުވެއެވެ.

އެގޮތުން އެ ގައުމުގެ ޑެޕިޔުޓީ އިންފޮމޭޝަން މިނިސްޓަރު ވެސް ވަނީ މިކަމާ ގުޅިގެން ބަހެއް ވިދާޅުނުވެވޭނެކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް