ޓޯކިޔޯ އޮލިމްޕިކްސް: ޕްރިލިމިނަރީ ބުރުގައި ސާއިދުއަށް ހަތަރުވަނަ

އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު --- ފޮޓޯ//ޓްވިޓަރ

މިހާރު ކުރިއަށްދާ ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ހީޓުގެ ހަތަރުވަނަ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދައިފި އެވެ.

އެހެން ނަމަވެސް ސާއިދު ހީޓު ރައުންޑަށް ކޮލިފައިނުވުމުން، ރާއްޖެއަށް ވަނީ މިފަހަރުގެ އޮލިމްޕިކްސް ނިމިފަ އެވެ. އަދި ރާއްޖެއިން މިފަހަރުގެ އޮލިމްޕިކްސްގައި ބައިވެރިވި އެހެން ކުޅިވަރުތައް ވެސް ނިމުމާ އެކު ސާއިދުގެ ދުވުމަކީ މިފަހަރު ރާއްޖޭގެ ފަހު ވާދަކުރުމެވެ.

މި ހީޓުގެ އެއް ވަނަ އަށް ދިޔައީ ޒިމްބާބްވޭގެ މަކޫސާ އެންގޯނީ އެވެ. އޭނާ ރޭސް ނިންމީ 10.32 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔައީ ޓޯގޯގެ ފަބްރީސް ޑަބްލާ އެވެ. އޭނާގެ ޓައިމިން އަކީ 10.57 އެވެ. ތިން ވަނަ އަށް ދިޔައީ ނިކަރާގުއާގެ އުމުރުން 18 އަހަރުގެ ދުވުންތެރިޔާ އެލިއަތު ރޮމޭރޯ އެވެ. އޭނާ ރޭސް ނިންމީ 10.62 އިންނެވެ.

ޕްރިލިމިނަރީ ބުރުގެ ހީޓު 2 އިން އެއް ވަނަ ހޯދީ އޮމާންގެ އަލް ބަރަކާތު ޙަރިސް އެވެ. އޭނާ ރޭސް ނިންމީ 10.27 ސިކުންތުންނެވެ. ދެ ވަނަ ހޯދީ ގުޔާނާގެ އެމޭނުއަލް އާޗްބާލްޑް އެވެ. އޭނާ ރޭސް ނިންމީ 10.37 ސިކުންތުންނެވެ. ތިން ވަނަ ހޯދީ ޔޫއޭއީގެ މުހައްމަދު އަލް ހަމްމާދީ ރޭސް ނިންމީ 10.59 ސިކުންތުންނެވެ.

ސާއިދަށް މި ފަހަރު 10.70 ސިކުންތުން ރޭސް ނިންމުނުއިރު، އޭނާ ވަނީ މީގެ ކުރިން 10.33 ސިކުންތުން ރޭސް ނިންމައި، ރާއްޖޭގެ ރިކޯޑު ހަދާފައެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ސާއިދުގެ އިތުރުން ރާއްޖޭގެ ތިން އެތުލީޓަކު ވަނީ ވާދަކޮށްފައެވެ. އެއީ ފެތުމުގައި ވާދަކުރި މުބާލް އައްޒާމް އިބްރާހީމާއި، އައިޝަތު ސާޖިނާގެ އިތުރުން ބެޑްމިންޓަނުގައި ވާދަކުރި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް (ނަބާ) އެވެ.

comment ކޮމެންޓް