ރެއާލާ އަލަށް ގުޅުނު އަލަބާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބަޔާން މިއުނިކް ދޫކޮށް ރެއާލް މެޑްރިޑާ ގުޅުނު އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެކުލަބުން ހާމަކޮށްފި އެވެ.

ބަޔާން މިއުނިކުގައި 13 އަހަރު ހޭދަކުރުމަށްފަހު އަލަބާ ރެއާލަށް ގުޅުނީ މި މަހު ކުރީކޮޅު ނިމުނު ޔޫރޯއަށްފަހު އެވެ. އެއާ އެކު ޕްރި ސީޒަންގެ ފަރިތަކުރުންތަކާއި އެކުވެރިކަމުގެ މެޗުތައް ރެއާލުން މިހާރު ފަށާފައިވާ އިރު، އަލަބާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެކުލަބުން ހާމަ ކުރީ މިއަދު އެވެ.

ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރެއާލަށް ބަދަލުވި އަލަބާ ކޮވިޑަށް ޕޮޒިޓިވްވުމާ އެކު އޭނާ މިވަގުތު ކަރަންޓީނު ކުރެވިފައިވާ ކަމަށް ކުލަބުން ވަނީ ބުނެފަ އެވެ. މީގެ ކުރިން ވެސް ރެއާލްގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އޮސްޓްރިއާ ވިއެން އިން ކެރިއަރު ފަށައި އަލަބާ ބަޔާނަށް ބަދަލުވީ 2008 ވަނަ އަހަރު އެވެ. އެ ޓީމާ އެކު އަލަބާ ވަނީ 10 ފަހަރު ޖަރުމަނު ލީގާއި ދެ ޗެމްޕިއަންސް ލީގާއި ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ޖަރުމަނުގެ ކަޕް މުބާރާތްތައް ހިމެނޭ ގޮތަށް އަލަބާ ބަޔާނާ އެކު ޖުމްލަ އެއްކޮށް ކާމިޔާބުކުރި މުބާރާތްތަކުގެ އަދަދު 27 އަށް އަރަ އެވެ.

އަލަބާ ރެއާލަށް ގުޅުނު އިރު، އެ ޓީމުގެ ތަޖުރިބާކާރު ދެ ޑިފެންޑަރުން ވަނީ ޓީމު ބަދަލުކޮށްފަ އެވެ. އެގޮތުން މިދިޔަ ސީޒަންތަކުގައި އެ ޓީމަށް ކެޕްޓަންކަން ކޮށްދިން ސާޖިއޯ ރާމޯސް ވަނީ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީއަށް ސޮއިކޮށްފަ އެވެ. އަދި އެހެންމެ ރަފައެލް ވަރާން ވެސް މިހާރު ދަނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.

comment ކޮމެންޓް