އޭއެފްސީ ވިމެންސް އޭޝިއަން ކަޕަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ގައުމީ އަންހެން ޓީމު ތަމްރީނުތައް ހެދުމަށް އަންނަ މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ދާން ނިންމާފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު ބ. އޭދަފުށީގައި ގައުމީ އަންހެން ޓީމުން ކޭމްޕްކޮށް އެރަށުގެ ޓީމާ ދެކޮޅަށް ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗު 0-3 އިން ގައުމީ ޓީމު މޮޅުވެފައިވާ އިރު އެ މެޗުން ރަނގަޅު ތަޖުރިބާތަކެއް ވަނީ ލިބިފަ އެވެ. މި މެޗުގައި ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކުރީ ދާދި ފަހުން ޓީމާ ގުޅުނު ޒުވާން ކުޅުންތެރިޔާ ރާނިޔާ އިބްރާހިމް އެވެ. އަދި އަނެއް ގޯލު ކާމިޔާބުކުރީ ގައުމީ ޓީމުގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ފާތިމަތު ތީބާ އެވެ.
އެ މެޗުގެ ވީޑިއޯކޮޅަކާ އެކު ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ މަހު ގައުމީ އަންހެން ޓީމުން ޔޫއޭއީގައި ފަރިތަކުރުންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ދަތުުރުގައި ޔޫއޭއީގެ ގައުމީ އަންހެން ޓީމާ ދެކޮޅަށް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާކަމަށް ބައްސާމް ވިދާޅުވި އެވެ.
"ޓީމުގެ ގުޅުން ވަރުގަދަ ކުރުމަށާއި، ކުޅުންތެރިން މޯޓިވޭޓް ކުރުމަށް އޭދަފުށީ މެޗަކީ ރަނގަޅު ފެށުމެއް," ބައްސާމްގެ ޓްވީޓުގައި ބުނެފައިވެއެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފައިންގައި ކުޅުމަށް ގައުމީ އަންހެން ޓީމުން ތައްޔާރުވަމުން އަންނަ އިރު، ޓީމަށް ބޭރު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބައްސާމް މިފަހުން ވަނީ ވިދާޅުވެފަ އެވެ.
ގައުމީ އަންހެން ޓީމުގެ ކޯޗެއްގެ ޒިންމާއާ މި ވަގުތު ހަވާލުވެ ހުރީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) އެވެ. ޑުންގާ އަށް އެހީތެރިވުމުގެ ގޮތުން ގައުމީ ޓީމުގެ ތަރި ފަދުވާ ޒާހިރު ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.