ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ ހޮޓްލައިން އަލުން ގާއިމުކޮށްފި

ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން -- ފޮޓޯ: އޭޕީ

ސޯލް (ޖުލައި 27): އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ހޮޓްލައިން ބޭނުން ނުކުރެވޭ ގޮތަށް ހަދާފައި އޮންނަތާ އަހަރެއް ފަހުން އެ ހޮޓްލައިން އަލުން ގާއިމުކޮށްފިއެވެ.

އުތުރު ކޮރެއާއާއި ދެކުނު ކޮރެއާގެ ހޮޓްލައިން އަލުން ގާއިމު ކުރިކަން އިއުލާން ކުރީ އުތުރުގެ ދައުލަތުގެ މީޑިއާ ކޭސީއެންއޭ އާއި ދެކުނުގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައެވެ.

ކޭސީއެންއޭއިން ރިޕޯޓު ކުރި ގޮތުގައި ދެ ގައުމުގެ ހޮޓްލައިން މިއަދު ގުޅާލާފައި ވަނީ އުތުރާއި ދެކުނުގެ ލީޑަރުންގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އޭގެ ސަބަބުން ދެގައުމުގެ ގުޅުން ރަނގަޅު ކުރުމުގެ މަސައްކަތަށް ކުރިއެރުން ލިބިގެން ދާނެ ކަމަށް ދެކުނުގެ ރައީސް އޮފީހުން ބުންޏެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އުތުރު ކޮރެއާއިން އެ ހޮޓްލައިންގެ ހިދުމަތް މެދުކަނޑާލީ، އެގައުމުން ފިލައިގެން ގޮސް ދެކުނުގައި ދިރިއުޅޭ ބައެއް މީހުން، ފުއްޕާހަމާއި ޑްރޯންތަކުގައި އައްސާފައި ބައެއް ތަކެތި އުތުރު ކޮރެއާއަށް ފޮނުވަމުންދާ ކަމަށް ބުނެއެވެ. އެ ތަކެތީގެ ތެރޭގައި ކާނާ އާއި ޑޮލަރާއި އުތުރު ކޮރެއާއާ ދެކޮޅު މައުލޫމާތު ލިޔެފައިވާ ލީފްލެޓާއި ދެކުުނުގެ ހަބަރާއި ޑްރާމާތައް ފެންނަ ޕެން ޑްރައިވްތައް ހިމެނެއެވެ. އަދި އުތުރުން ބުނި ގޮތުގައި އެމީހުން ހުއްޓުވަން ދެކުނުން އެކަށީގެންވާ ވަރަށް މަސައްކަތެއް ނުކުރެ އެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިންއާއި އުތުރުގެ ލީޑަރު ކިމް ޖޮންގް އުން ގެންދަވަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެން ސިޓީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ކަމަށް ދެ ގައުމުން ވަނީ ބުނެފައެވެ.

comment ކޮމެންޓް