މިނިވަންކަން ދަމަހައްޓަން ބޭނުންނަމަ އެކުވެރިކަމުގެ ރޫހު އާލާކުރަންޖެހޭ: އިމްރާން

ޖުލައި 26، 2021: ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްދިޔަ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން ހޯމް މިނިސްޓަރު އައްޝެއިހް އިމްރާން އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމުގެ މިނިވަންކަން ދަމަހައްޓަން އެދޭނަމަ މުޖުތަމައުގެ މެދުގައި ފުރިހަމައަށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދަމަހައްޓަން ޖެހޭކަމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިވަންކަމަށް 56 އަހަރު ފުރުމުގެ މުނާސަބާގައި ހޯމް މިނިސްޓްރީން އާންމުކުރި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް މިނިވަންކަން ފޯރުކޮށްދިނުމަށްޓަކައި އެކުގައި މުޅި ރާއްޖެއިން މަސައްކަތްކޮށް ރޫހު ދިރުވަންޖެހޭކަމަށެވެ.

"މިނިވަންކަން ގެއްލިގެންދާ މުޖުތަމައުގެ މިނިވަންކަން ގެއްލިގެންދާ ކޮންމެ ފަހަރެއްގައި ގެއްލިގެންދަނީ އެ މުޖުތަމައުގައި ބައިބައިވުމާއި ދެކޮޅުވެރިކަމާއި ދެބަސްވުމާއި އަދާވާތްތެރިކަމުގެ ސަބަބުން. އެހެންކަމުން މިނިވަންކަން ދަމަހައްޓަން ބޭނުންވާ ކޮންމެ މުޖުތަމައެއްގެ މެދުގައި ފުރިހަމަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދަމަހައްޓަން ޖެހޭ." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިނިވަންކަމަކީ ހިލޭ ލިބޭނެ އެއްޗެއް ނޫންކަމަށެވެ. އަދި މިނިވަންކަން ހޯދުމަށާއި މިނިވަންކަން ދެމެހެއްޓުމަށް އެތައް ގުރުބާނީއަކުން އަގު ދައްކަން ޖެހޭކަމަށެވެ.

"އެ އަގު ފުރިހަމައަށް ދެއްކި ބަޔަކަށް މެނުވި މިނިވަންކަން ނުލިބޭނެ. މިނިވަންކަން ނުވެސް ދެމެހެއްޓޭނެ." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ހަމައެއާއެކު ކޮވިޑުގެ ހާލަތާއެކުވެސް މިނިވަންދުވަސް ފާހަގަކުރުމަށް ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ކައުންސިލުން ކުރާ މަސައްކަތަށް މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފައެވެ.

އަދި އިމްރާން ވަނީ އެންމެހާ ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާވެސް އަރިސްކުރައްވާފައެވެ.

comment ކޮމެންޓް