ރާއްޖޭގައި މިހާރު ވެކްސިން ނުޖަހާ ތިބި އެންމެންނަށް ދެ ޑޯޒު ވެކްސިން ފުރިހަމަކުރެވޭ މިންވަރަށް ރާއްޖެއަށް ވެކްސިން ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ގައުމާ މުހާތަބުކުރައްވައި ދެއްވި ހިތާބުގައި ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ރާއްޖޭގައި އުޅޭ އެންމެންނަށް ކޮވިޑް-19 ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ފަށާނެ ކަމަށެވެ.
އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުން 90 ޕަސަންޓު މީހުންނަށް އޯގަސްޓް މަސް ނިމުމުގެ ކުރިން ވެކްސިން ޖެހުން ކަމަށެވެ.
"އަދި މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ އެންމެންނަށް ވެކްސިން ޖަހައި ނިންމުން,"
"މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް, ވަރަށް މަތިވެރި ނަސީބެއް," ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ރާއްޖޭގައި ވެކްސިން ނުޖަހާ ތިބި އެންމެންނަށް ދެ ޑޯޒު ފުރިހަމަކުރެވޭ މިންވަރަށް ރާއްޖެއަށް ވެކްސިން ގެނެވިދައިވާ ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފައި, ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
"ކޮވިޑް-19އާ އެކު އަޅުގަނޑުމެންނަށް މިކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންގެ ވިސްނުން ދެން އަމާޒުކުރަންވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް. ހަމައެއާއެކު ގައުމުގެ އިގްތިސާދަށް އިތުރު ދިރުމެއް ގެނައުމަށްޓަކައި، ވިސްނުންތެރިކަމާ އެކު މަސައްކަތް ފެށުމަށް," ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް19 ވެކްސިން ޖަހަން ފެށީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ޖަހަން ފަށައި, އަދި އޭގެ ފަހުން ޗައިނާއިން ހަދިޔާކުރި ސިނޮފާމް ވެކްސިން ރާއްޖޭގައި ގެންދިޔައީ ޖަހަމުންނެވެ.
އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ސަޕްލައިކުރުމުގައި ދަތިތަކެއް އައުމާއެކު މޭ މަހުގެ ތެރޭގައި އެ ވެކްސިންގެ ސްޓޮކު ހުސްވާން ގާތްވުމާއެކު ރާއްޖޭގައި އެ ވެކްސިން ޖެހުން ހުއްޓާލިއެވެ. އޭރު ގިނަ ބަޔަކު ތިބީ އެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައި އެކަމަކު ދެވަނަ ޑޯޒު ފުރިހަމަނުކުރެވިއެވެ.
އޭގެ ފަހުން ކޮވިޝީލްޑް ރާއްޖެއަށް އަލުން ލިބި, ޖުލައި މަހުގެ ކުރީކޮޅު ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ޖަހައިދޭން ފެށިއެވެ.
އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 260,000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައެވެ. އެއީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާބާދީގެ 50 ޕަސަންޓަށް ވުރެ ގިނަ މީހުންނެވެ.