އަޅައިނުލެވިއްޖެނަމަ ރާއްޖެއަށް އޮތް ނުރައްކާ ބޮޑު: ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓެރަރިޒަމްގެ ނުރައްކާ ފެތުރިފައި އޮތް މިންވަރަށް ބަލާއިރު، ދުރާލާ އަޅާ ނުލެވިއްޖެނަމަ ރާއްޖެއަށް އޮތް ނުރައްކާ ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް ގާރަރު ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ޓެރެރިޒަމްގެ އަމަލުތައް ހިންގުމަށް ދުރާލާ ރޭވިގެން އެކަމަށް ބަޔަކު ތައްޔާރުވަމުން އެބަދާ ކަމުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މުޅި އިގްތިސޯދު ބިނާ ކުރެވިފައި އޮތީ ޓޫޒިޒަމް ސިނާއަތަށް ކަމުގައެވެ. އެހެންކަމުން ގައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ޓެރެރިޒަމް ހަމަލާއެއް ނުދީ ވޭތޯ ބެލުމަކީ މުހިއްމު ކަމެއް ކަމުގައެވެ.

"މި ބޮން ގޮއްވާލުމުގެ ހާދިސާގެ ކުރީގަ 2019 ވަނަ އަހަރުން ފެށިގެން ކަންކަން ހިނގާފައިވާ ގޮތް ބައްލަވާ. އޭގެން އެބަ އެނގޭ އެތައް ތަނެއްގަ ބޮން ބަހައްޓާފަ ހުރިކަންވެސް. އަދި އެތަންތަނުގަ ބޮން ބަހައްޓާފަ ހުރިއިރުވެސް އަޅުގަނޑުމެންނަށް އެކަންކަމާ އަޅާނުލެވި ދިޔައީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ފާއިތުވެ ދިޔަ ކަންކަމަކީ މާޒީއެވެ. ދެން ވިސްނަންވީ ކުރިއަށް އޮތް ތަނުގައި މިބާވަތުގެ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާ ކަމެއް ކުރުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޓެރަރިޒަމްގެ ކުށްތަކުގައި އުޅޭ މީހުން ފުލުހުންނަށް އެނގޭ ކަމަށާއި ނަމަވެސް އެކިއެކި ސަބަބު ތަކާހުރެ ފުލުހުންނަށް އެ މަސައްކަތް ކުރުމުގެ ފުރުސަތު ބަންދުވެފައިވާ ކަމުގައެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ކަންތަކުގަ އުޅޭ މީހުންތައް ފުލުހުންނަށް ފާހަގަ ވާނެ. ނަމަވެސް މިވަގުތު އެކިއެކި ސަބަބު ތަކާހުރެ ހައްޔަރު ނުވެ އެމީހުން އެ ތިބެނީ. އަޅުގަނޑަށް ފެންނަ ފެނުމުގަ ފުލުހުންނަށް މިބާރު ލިބުމުން މީހުން ހައްޔަރުވެސް ކުރެވޭނެ. އަދި ފުލުހުންނަށް މިކަމުގަ މާ ހަރުދަނާ މަސައްކަތްތަކެއްވެސް ކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންނާއި ޕީޖީ އޮފީހުން ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ލިބިފައިވާ ބޮޑެތި ކުރިއެރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.

އެގޮތުން ހަމަލާ ދިނުމާއި، ރޭވުމުގައި އިސްކޮށް އުޅުނު ޖުމްލަ ދިހަ މީހަކު މިހާރު ހައްޔަރުކޮށްފައިވާއިރު އެ ހަމަލާއަކީ ފައިސާ ހުށަހަޅައިގެން ދީފައިވާ ހަމަލާއެއްކަމަށް ބެލެވެން ނެތްކަމަށް ފުލުހުން ވަނީ ރޭގެ ބައްދަލުވުމުގައި ބުނެފައެވެ.

އަދި ހަމަލާ ދިން މީހުން ތިބީ ޖާނުންފިދާވެގެންވެސް ހަމަލާ ދޭން ތައްޔާރަށް ކަމަށާއި ނީލޯފަރު ހިނގުމުގައި ހަމަލާ ދިނުމުގެ ކުރިން ދެ ފަހަރަކު މާލޭގެ އެހެން ދެ ސަރަހައްދެއްގައި އެތައް ދުވަހެއްގެ މަތިން ހަމަލާދޭން މަސައްކަތްކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް