ޗައިނާ އާއި އެމެރިކާގެ ހަމަނުޖެހުންތައް އިތުރުވެ ގުޅުން ހީނަރުވަމުން ދިޔުމާއެކު ދެ ގައުމުގެ ވެރިން ބައްދަލުވުމަށް ތާވަލު ކޮށްފިއެވެ.
މި ބައްދަލުވުން ބާއްވާން ހަމަޖެހިފައިވަނީ ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ޗައިނާގައެވެ.
އެމެރިކާގެ ޑެޕިއުޓީ ސެކެޓްރީ އޮފް ސްޓޭޓް ވެންޑީ ޝާމަން ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ވާންގް ޔީއިން ޓިއަންޖިން އާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ޖެހިފައިވާ މައްސަލަތަކާ މެދު ވާހަކަ ދައްކަވާނެ ކަމަށް އެމެރިކާއިން ބުނެއެވެ. އެގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދެ ގައުމުގެ ގުޅުމަށް އެހާ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ޗައިނާއިން "ސައިބާ އެސްޕިއިނާޖް" ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖާސޫސް ކުރިކަމުގެ ތުހުމަތުގައި އެމެރިކާ ހިމެނޭހެން ގިނަ ގައުމުތަކަކުން ޗައިނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމުމާ ގުޅިގެންނެވެ.
މީގެ އިތުރުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ވަނީ ޗައިނާގެ ހަތަރު މަސައްކަތްތެރިޔަކު އެމެރިކާގެ އިދާރާތަކެއްގެ ކޮމްޕިއުޓަރުތަކެއް ހެކް ކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
ނަމަވެސް ޗައިނާއިން ވަނީ އެމެރިކާގެ މި ނިންމުންތައް ކުށްވެރިކޮށްފައެވެ. އަދި އެދެވޭ ތަހުގީގަކާ ނުލާ އެއްވެސް ނިންމުމެއް ނިންމިގެން ނުވާނެކަމަށް ޗައިނާއިން ދެކެއެވެ.
ދެ ގައުމުގެ މެދުގައި އޮތް ގުޅުން މިފަދަ ކަންތައްތަކެއްގެ ސަބަބުން ހީނަރުވެފައިވަތީ އެކަމާ މެދު ވާހަކަ ދެއްކުމަށް ހަމަޖެއްސީ ދެ ގައުމު އެއްކޮށް މަސައްކަތް ކުރުމަކީ މާ ބުއްދިވެރި ކަމަކަށްވާނެ ކަމަށް އެއްބަސްވެވުމުންނެވެ.