ޗައިނާއާ ކުރިމަތިލުމަށް އެމެރިކާގެ އިތުރު ސިފައިންނާއި އަސްކަރީ ބޭސްތައް އޮސްޓްރޭލިއާގައި ގާއިމު ކުރަނީ

އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ޕީޓަރ ޑަޓޮން

ވޮޝިންޓަން (ސެޕްޓެމްބަރު 19) : ޗައިނާ އަށް އަސްކަރީގޮތުން ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި އިނގިރޭސިވިލާތާ އަދި އޮސްޓްރޭލިއާ އާ ގުޅިގެން އެމެރިކާ އުފެއްދި އަސްކަރީ ޖަމާއަތް "އޯކަސް" ގެ ދަށުން އެމެރިކާގެ އިތުރު ސިފައިންނާއި އަސްކަރީ ބޭސްތައް އޮސްޓުރޭލިއާގައި ގާއިމް ކުރާނެކަމަށް އެގައުމުން ބުނެފިއެވެ.

އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ޕީޓާ ޑަޓޮން ވިދާޅުވީ އެމެރިކާގެ އަސްކަރީ އިތުރު ސިފައިންނާއި އަސްކަރީ ފެސިލިޓީތައް އޮސްޓްރޭލިއާގައި ގާއިމް ކުރާނެކަަމަށާ މިއީ ޕެސިފިކް ސަރަހައްދަށް ޗައިނާ ކުރިމަތިކުރާ ނުރައްކާތެރިކަމުން ސަލާމަތްވުމަށް އޮސްޓްރޭލިއާއަށް މުހިއްމު ކަމެއްކަމުގައެވެ. އެމެރިކާގައި ވާހަކަދައްކަވަމުން ޑަޓޮން ވިދާޅުވިގޮތުގައި އޮސްޓްރޭލިޔާގެ އުތުރުގެ ޑާވިން ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބޭސްތައް އިތުރުކޮށް އެމެރިކާގެ އަސްކަރީ ސިފައިން އެސަރަހައްދުގައި ދާއިމީގޮތަކަށް ތިބުމަށް ކުރަންޖެހޭ ކަންކަން ކުރިޔަށް އޮތް ތަނުގައި ދެގައުމުން ކުރާނެއެވެ.

އެމެރިކާގައި ބޭއްވި އެމެރިކާއާއި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރުންނާއި ދިފާއީ ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިން

ޗައިނާއާ ކުރިމަތިލުމަށްޓަކައި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ގުޅިގެން އެމެރިކާ އުފެއްދި "އޯކަސް" ޖަމާއަތުގައި ފަރަންސޭސިވިލާތް ބައިވެރިނުކުރުމުން ފަރަންސޭސިވިލާތް ވަނީ ވަރަށްބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އަނެއްކޮޅުން "އޯކަސް" ގެ އެއްބަސްވުމުގެ ދަށުން އެމެރިކާގެ ނިއުކްލިޔާ ސަބްމެރިންގެ ޓެކްނޮލޮޖީ އޮސްޓްރޭލިއާއަށް ދޭން އެމެރިކާ ނިންމުމާއެކު ކުރިން ފަރަންސޭސިވިލާތުން ގަތުމަށް އޮސްޓްރޭލިއާ އެއްބަސްވެފައިވާ ސަބްމެރިންތައް ނުގަތުމަށް އޮސްޓްރޭލިއާ ނިންމުމުން އެތަށް ބިލިޔަން ޑޮލަރެއްގެ ވިޔަފާރީގެ ގެއްލުމަކާ ފަރަންސޭސިވިލާތް ކުރިމަތިލާންޖެހޭތީ ފަރަންސޭސިވިލާތްވަނީ ރުޅިއައިސްފައެވެ.

ފަރަންސޭސި މިޑިއާއިންވަނީ މިއީ އެގައުމުގެ ހަތިޔާރުގެ ސިނާއަތަށް އެމެރިކާއާއި އޮސްޓްރޭލިއާއިން ދިން ބޮޑު ކެއްސެއްކަމަށް ސިފަކޮށް އެދެގައުމަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށްފައެވެ. "އޯކަސް" ޖަމާއަތް އުފައްދާފައިވަނީ މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސާއި އިނގިރޭސި ބޮޑުވަޒީރާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ވާޗުއަލްކޮށް ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން އެގައުމުގެ ނިއުކްލިޔާ ސަބްމެރިންގެ ޓެކްނޮލޮޖީ އޮސްޓްރޭލިޔާއަށް ދިނުމަށް ހަމަޖެހިފައިވާއިރު އެމެރިކާގެ ނިއުކްލިޔާ ސަބްމެރިންގެ ޓެކްނޮލޮޖީ މިހާތަނަށް ފޯރުކޮށްދީފައިވަނީ އިނގިރޭސިވިލާތާއި އިސްރާއީލަށް އެކަންޏެވެ. އެމެރިކާ ބުނާގޮތުން "އޯކަސް" މި އެއްބަސްވުމުގެ ދަށުން އޮސްޓްރޭލިއާއަށް ދޭނީ ނިއުކްލިޔާ ހަކަތައިން ދުއްވާ އަސްކަރީ ސަބްމެރިން އެވެ. ނިއުކްލިޔާ ހަތިޔާރު ހުންނަ ސަބްމެރިން އެއްނޫނެވެ.

އެމެރިކާ މިހެން ބުނިނަމަވެސް މިކަމުގެ ހަގީގަތް ސާފު ނުވާތީ މިމައްސަލަގާއި އިންޑޮނީޝިއާ އާއި ނިއުޒިލެންޑުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް