އެމެރިކާއިން ގައުމުތަކުގެ ސިޔާދަތަށް އިހްތިރާމް ކުރާ ކަމަށް ބުނުމަކީ ޖޯކެއް: ޗައިނާ

އޮކްޓޫބަރ 28، 2020: އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް އާރް. ޕޮމްޕެއޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއާ ގުޅުވައިގެން ދެއްކެވި ވާހަކަތަކަށް، ޗައިނާއިން ރައްދު ދީފިއެވެ.

ޕޮމްޕެއޯ ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައި، ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފައެވެ.

އެގޮތުން ޗައިނާގެ ކޮމިއުނިސްޓް ޕާޓީއިން ގާނޫނުތަކަށް ބޯނުލަނބައި، ބިރުދެއްކުމުގެ އަމަލުތައް ކުރިޔަށް ގެންދާ ކަމަށާއި އެކަން ވަރަށް ސާފުކޮށް ދެކުނު ޗައިނާ ކަނޑުގައި ހިނގަމުންދާ ކަންތައްތަކުން ފެނިގެން ދާކަމަށް ވިދާޅުވިއެވެ.

އަދި އަވަށްޓެރި ގައުމުތަކުގެ އިގްތިސާދީ ސަރަހައްދުތަކަށް ޗައިނާއިން ހުއްދައާ ނުލައި ވަދެގަންނަ މަންޒަރު ފެންނަ ކަމަށާއި ޗައިނާގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތިމާވެއްޓަށް ގެއްލުންދޭ ފަދަ އަމަލުތައް ކުރަމުންދާ ކަމަށް ވެސް ޕޮމްޕެއޯ ވިދާޅުވިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މިއަދު ވަނީ ޕޮމްޕެއޯގެ ކޮންމެ ވާހަކައަކަށް ވަކިވަކިން ރައްދުދީ ދިގު ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޕޮމްޕެއޯ މަސައްކަތް ކުރެއްވީ ޗައިނާ އާއި ރާއްޖެ ދޭތެރެޖެއްސުން ކަމަށެވެ. އަދި އެމެރިކާގެ އިސް ވެރިން ޗައިނާ ސަރުކާރަ ގުޅޭގޮތުން އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގުތައް ހަދަމުން އަންނަ ކަމަށާއި އެކަމުގެ މަގުސަދަކީ ޗައިނާ އާއި އެހެން ގައުމުތަކާއެކު އޮތް ގުޅުން ހީނަރުކުރުން ކަމަށެވެ.

އަދި އެހެން ގައުމުތަކުގެ ކަންކަމަށް ނުފޫޒުފޯރުވުމަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތަކީ ބައިނަލް އަގުވާމީ ގުޅުންތަކަށް އޮތް ނުރައްކަލެއްގެ ގޮތުގައި ޗައިނާއިން ވަނީ ސިފަކޮށްފައެވެ.

ޗައިނާއިން ބުނީ ތަރައްގީ އާއި، އެހެން ގައުމުތަކާއެކު ޚާރިޖީ ގުޅުން ގާއިމުކުރުމަކީ ކޮންމެ ގައުމަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި، އެހެން ނަމަވެސް ކުދި ގައުމުތަކުން ވަކި ގައުމަކާ އެއްކޮޅަށް އަރަން ޕޮމްޕެއޯ ފާޅުގައި ޕްރެޝަރު ކުރައްވާ ކަމަށެވެ.

"އެމެރިކާއިން ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމްކުރާކަމަށް ޕޮމްޕެއޯ ވިދާޅުވުމަކީ ޖޯކެއް،" ބަޔާނުގައިވެއެވެ.

އެމްބަސީން ބުނީ ޗައިނާގެ ތަރައްގީއާއި ކުރިއެރުމަކީ ރާއްޖެއަށް ފުރުސަތެއް ކަމަށާއި، ނުރައްކަލެއް ނޫން ކަމަށެވެ. އަދި އެކި ރޮނގުރޮނގުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަކީ ފައިދާކުރާނެ ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

ޗައިނާ އިން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު އަސްކަރީ ގޮތުން ބޭނުންކުރާކަމަށް ޕޮމްޕެއޯ ވިދާޅުވި ވާހަކައަށް ވެސް ޗައިނާ އެމްބަސީން ވަނީ ރައްދު ދީފައެވެ.

އެމްބަސީން ބުނީ ނަންޝަ އައިލެންޑްސްގައި މިލިޓަރީ ގާއިމުކޮށްފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ޗައިނާގެ އަމިއްލަ ރައްކާތެރިކަމަށް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަން ޖެހުނީ ވެސް އެމެރިކާއިން ޗައިނާ ސަރަހައްދުގެ ކައިރީގައި އަސްކަރީ ހަރަކާތްތައް ހިންގާތީ ކަމަށެވެ.

ތިމާވެށީގެ މައްސަލައިގައި ޕޮމްޕެއޯ ދެއްކެވި ވާހަކަތަކަށް ވެސް ޗައިނާއިން ވަނީ ހޫނު ރައްދެއް ދެއްވައިފައެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ ހުރިހާ ގައުމުތަކަށް ވެސް ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކޮށް، ޗައިނާ އެމްބަސީން ބުނީ ނެޝަަނަލް ކްލައިމެޓް ޗޭންޖް ސްޓްރެޓެޖީއަށް ޗައިނާއިން އަމަލުކުރަމުން އަންނަ ކަމަށެވެ.

އަދި 2060 ވަނަ އަހަރާ ހަމައަށް ދާންވާއިރަށް، ޗައިނާ އަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް، އުސޫލުތައް އިތުރަށް ވަރުގަދަ ކުރާނެކަމުގެ ޔަގީންކަން ޗައިނާގެ ރައީށް ޝީ ޖިންޕިން ދެއްވާފައިވާކަން ވެސް އެމްބަސީން ވަނީ ފާހަގަކޮށްފައެވެ.

އެއާ ހިލާފަށް، އެމެރިކާއިން ޕެރިސް އެގްރީމަންޓުން ވެސް ވަކިވެފައިވާކަން ފާހަގަކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލައިގައި އެމެރިކާއިން ޗައިނާއަށް އިނގިލި ދިއްކުރުމަށް ކުފޫ ހަމަވަނީ ކިހިނަކުންތޯ ވެސް ޗައިނާއިން ވަނީ ސުވާލު އުފައްދައިފައެވެ.

comment ކޮމެންޓް