ދިވެހި ރެޑް ކްރެޒެންޓާއި މޯލްޑިވްސް ބްލަޑް ސާވިސް ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ސިލްސިލާ ކޭމްޕް ތަކެއް ބާއްވަން ފަށައިފިއެވެ.
ރެޑް ކްރެސެންޓްގެ މާލެ ބްރާންޗްއިން އިސްނަގައިގެން ކުރިއަށް ގެންދާ މި ކޭމްޕް ތަކުގެ މައިގަނޑު މަގްސަދަކީ އަމިއްލައަށް އިސްނަގައިގެން ލޭހަދިޔާކުރުމަށް މީހުން ބޮޑަށް ހޭލުންތެރި ކުރުވުމެވެ.
ރެޑްކްރެސެންޓްގެ މާލެ ބްރާންޗްގެ ޕްރޮގްރާމް އޮފިސަރު އައިޝަތު އިފާ މާޒް ޝަރީފް (އައިޝް) "ސަން" އަށް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ލޭ ހޯދުމުގައި ކުރިއަށްވުރެ ބޮޑަށް އުނދަގޫވެފައިވާކަމަށާއި ކޭމްޕް ތަކުން، އެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ގެންނަން ބޭނުންވާ ކަމަށެވެ.
"ގިނަ ފަހަރު ވާގޮތަކީ ލޭ ބޭނުންވީމަ އާއިލާ މީހުން ކައިރީ ބުނެގެން ޑައިރެކްޓް ޑޯނާޒް ހޯދަނީ. ގިނަ މީހުން އިސްނަގައިގެން ލޭ ހަދިޔާ ނުކުރޭ. ބޭނުންވަނީ އަމިއްލަޔަށް މީހުން އިސްނަގައިގެން ވީހާވެސް ގިނައިން ލޭ ހަދިޔާކުރަން ޝައުގުވެރިކަން އުފައްދަން،" އައިޝް ވިދާޅުވިއެވެ.
ކުރިއަށް އޮތް ކޭމްޕް ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 28-29 ގައެވެ. ބޭނުން ކޮންމެ ފަރާތަކަށް ލޭ ހަދިޔާކުރަން ނަން ނޯޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ލޭހަދިޔާ ކުރުމަށް ދިވެހި ރެޑް ކްރެސެންޓްގެ މާލެ ބްރާންޗްގެ އެފްބީ ޕޭޖްގައިވާ ލިންކަށް ކްލިކޮށްލާށެވެ. އެއަށްފަހު އޭގައިވާ ފޯމް ފުރާލުމުން މައުލޫމާތު ސާފުކުރަން ދިވެހި ރެޑް ކްރެޒެންޓުން ގުޅާނެއެވެ.
އައިޝް ވިދާޅުވީ މިދިޔަ މަހު ލޭހަދިިޔާ ކުރުމުގެ އެއް ކޭމްޕް ބާއްވައިފާވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ކޮންމެ މަހަކު އެއްފަހަރު ލޭހަދިިޔާ ކުރުމުގެ ކޭމްޕެއް ބާއްވަން ގަސްތުކުރާ ކަމަށް ވިދާޅުވިއެވެ.
"ޖޫން މަހުގެ ކޭމްޕަށް ވުރެ ގިނަ ބޭފުޅުން މިފަހަރުގެ ކޭމްޕްގައި ނަން ނޯޓް ކުރާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" އައިޝް ވިދާޅުވިއެވެ.
މިދިޔަމަހު ކުރިއަށް ގެންދިޔަ ކޭމްޕްގައި 300 އަށް ވުރެ ގިނަ މީހުން ނަން ނޯޓް ކޮށްފަވާއިރު އޭގޭ ތެރެއިން 108 މީހުން ލޭ ހަދިޔާ ކޮށްފައިވެއެވެ. ލޭ ހަދިޔާ ނުކުރެވުނު މީހުންނަކީ މާލެއިން ބޭރުގައި ހުރުމުންނާއި ކޮވިޑް-19 ގެ ސަބަބުން ލޭ ހަދިޔާ ނުކުރެވުނު މީހުންނެވެ.