އެންހޭންސްޑް ވަލްނަރަބިލިޓީ އެންޑް ކެޕޭސިޓީ އެސެސްމެންޓް ޓްރެއިނިން އޮފް ޓްރެއިނާސްގެ ނަމުގައި މޯލްޑިވްސް ރެޑް ކްރެސެންޓާއި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު ގުޅިގެން ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
މި ވޯކްޝޮޕް ހިންގައިފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ.
ރެޑް ކްރެސެންޓުން ބުނި ގޮތުގައި މި ތަމްރީނު ޕްރޮގްރާމުގެ މަގުސަދަކީ ރަށްރަށުގައި 'އެންހޭންސްޑް ވަލްނަރަބިލިޓީ އެންޑް ކެޕެސިޓީ އެސެސްމަންޓް' ހެދުމަށް ބައިވެރިން އަހުލުވެރިކޮށް ތަމްރީނުކުރުމެވެ.
މި ޕްރޮގްރާމުގައި 30 މީހަކު ވަނީ ބައިވެރިވެފައެވެ. ރެޑް ކްރެސެންޓުން ބުނި ގޮތުގައި މި ޕްރޮގްރާމު ކުރިއަށް ގެންގޮސްދީފައިވަނީ ބައިނަލްއަޤްވާނީ ފެޑަރޭޝަން ފޯ ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް (އައިއެފްއާރްސީ) ހަރަކާތުގެ ރީޖަނަލް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ކޯޑިނޭޓަރު އާނޯ ރައުލިންއެވެ.
މި ޕްރޮގްރާމަކީ، އައިއެފްއާރްސީ އިން މުޖުތަމައުގެ ނާޒުކުކަމާއި ވިލުންވެރިކަން ދެނެގަނެ، ދިމާވެދާނެ ކާރިސާތައް ވަޒަންކުރުމާއި އެ ކާރިސާތަކަށް ތައްޔާރުވުމަށް ބޭނުންކުރާ އެސެސްމަންޓްއެކެވެ.
ރެޑް ކްރެސެންޓުން ބުނީ އީވީސީއޭއިން މުޖުތަމައުގެ ވިލުންވެރިކަން ދެނެގަތުމަށް 11 ދާއިރާއެއް ވަޒަން ކުރާނެ ކަމަށެވެ. އެގޮތުން ވަޒަން ކުރެވޭނީ:
- މުޖްތަމައުގެ ހިރާސް ކުޑަކުރުން
- ސިއްޙަތު
- ފެނާއި ނަރުދަމާ
- ބޯހިޔާވެހިކަން
- ކާނާއާއި ނިއުޓްރިޝަން
- އިޖްތިމާއީ އެއްބައިވަންތަކަން
- މުޖްތަމައުގެ އެންމެންގެ ބައިވެރިވުން
- އިޤްތިސާދީ ފުރުސަތުތައް
- އުމްރާނީ ވަސީލަތްތައް
- ރަށުގެ ގުދުރަތީ ވަސީލަތްތައް
- މުޅި މުޖްތަމައުގެ ގުޅުން
ދިވެހި ރެޑް ކްރެސެންޓާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ ގުޅިގެން ކުރިއަށްދިޔަ" އެންހޭންސިންގް ރެޒިލިއެންސް ޕްލޭނިން އެންޑް ސްޓްރެންތްނިން ކޮމިއުނިޓީ ޕްރިޕެއާރޑްނެސް" (އީއާރްސީޕީ) ޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ ބައެއް ރަށްރަށުގައި އީވީސީއޭ ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ވެސް ރެޑް ކްރެސެންޓުން ވަނި ބުނެފައެވެ.
މި މަޝްރޫއަކީ ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވޮލޮޕްމަންޓް (ޔޫއެސްއޭއައިޑީ) ގެ ބިއުރޯ އޮފް ހިއުމަނިޓަރޭނިއަން އެސިސްޓަންސް (ބީއެޗްއޭ) ގެ އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ.
ރާއްޖޭގެ 10 ރަށަކަށް އަމާޒުކޮށްގެން ހިންގޭ މި މަޝްރޫގެ މައިގަނޑު މަގުސަދަކީ، މި ރަށްރަށުގައި ރިސްކް ބޭސްޑް ރެސިލިއަންސް ޕްލޭނިން ވަރުގަދަކޮށް ކާރިސާތަކަށް އިޖާބަ ދިނުމުގެ ޤާބިލްކަން އިތުރުކޮށް، ލޯކަލީ ލެޑް ޕްރިޕެއާޑްނަސް އަދި މިޓީގޭޝަން އެކްޝަން ވަރުގަދަ ކުރުމެވެ.