މާފިނޮޅުގައި އެއާޕޯޓް އަޅަން ނިންމީ ކަމުގެ ތަޖުރިބާކާރުންގެ ލަފަޔާއެކު: މުހައްމަދު އިސްމާއިލް

14 މޭ 2021: ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހއ. ހޯރަފުށި އެއާޕޯޓުގެ ރަންވޭއަށް ރާޅު އަރަނީ -- ފޮޓޯ/ އެމްއެންޑީއެފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހއ. ހޯރަފުށީގެ ބަދަލުގައި އެރަށާ އެއްފަޅެއްގައި އޮންނަ މާފިނޮޅުގައި އެއާޕޯޓް އަޅަން ނިންމީ ކަމުގެ ތަޖުރިބާކާރުންގެ ލަފަޔާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މުހައްމަދު އިސްމާއިލް "ސަން" އަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މާފިނޮޅުގައި އެއާޕޯޓު އަޅަން ނިންމީ އެމެރިކާގެ ބޮސްޓަން ކުންފުނި ލައްވާ ދިރާސާކުރުމަށްފަހުކަމަށެވެ.

"އަސްލު މާފިނޮޅުގައި އެއާޕޯޓް އަޅަން ހަމަޖައްސާފާ އިންނަނީ ފަހުން އިންޓަނޭޝަންލް ކުރާގޮތަށް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން އެ ރަށުގައި އެއާޕޯޓު އަޅާފައިވަނީ އަމިއްލަ އެދުމަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން 130 މިލިއަން ރުފިޔާގެ ޑަބަލް ހަރަދުކުރަންޖެހި ބޮޑު ގެއްލުމެއް ދައުލަތަަށް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި މިއުޅެނީ އެއާޕޯޓު ހުޅުވިތާ އަހަރެއް ނުވެގެން. ހަދަން ދިޔަ ހަރަދަށްވުރެ މަރާމާތަށް ދާ ހަރަދު މާ ބޮޑު. ގެއްލުންމިވީ ރައްޔިތުންނަށް އަޅުގަނޑުމެންގެ ޓެކްސްފައިސާއިން އެކަން ކުރީ. ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާއި ނިކަމެތިކަމުގައި އަޅުގަނޑު ބައިވެރިވަން. މި މަސައްކަތަކީ ރައީސް ޔާމީންގެ ވެރިކަމުގައި 130 މިއަލަން ރުފިިޔާއަށް ދިން މަސައްކަތެއް. މި ސަރުކާރުން ކުރިކަމަކީ ހަމައެކަނި ނަން ބަދަލުކުރުން،" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން އިއުލާން ކުރެއްވި އައިހެވަން މަޝްރޫއު ނިމި، އޭގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާއިރު، މާފިނޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ވެސް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

"މާ ފިނޮޅުގައި އެއާޕޯޓް އެޅިނަމަ ހުރިހާ ރަށަކުން ވެސް، ކައިރީގައި ހުރި ރަށްތަކަށްވެސް ފަސޭހަވެގެންދާނެ. މިއަދު އެއާޕޯޓުގައި ބަނދަރެއްވެސް ނެތް ޖެޓީއެއްވެސް ނެތް. ހޯރަފުށްޓަށް އަރައިގެން އެކަން ކުރަންޖެހެނީ," މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ހިނގައިދިޔަ ގޮތާ ގުޅިގެން މުހައްމަދު އިސްމާއިލްގެ ބޮޑެތި ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުކޮށްފައެވެ.

ވައިގަދަވެ ހޯރަފުށި އެއާޕޯޓަށް ވެލި އެރުމުގެ ސަބަބުން މިއަދަށް ޝެޑިއުލްކޮށް ފުރަން ހުރި ފްލައިޓްތައް ވަނީ ލަސްކޮށްފައެވެ.

އަދި މީގެ ކުރިންވެސް މޫސުން ގޯސްވުމާ ގުޅިގެން އެ އެއާޕޯޓުވަނީ ބަންދުކޮށްފައެވެ. އެއާޕޯޓް ބަންދުކުރީ މޫސުން ގޯސްވެ ރާޅުއެރުމުގެ ސަބަބުން އެއާޕޯޓްގައި ފެންބޮޑުވެގެންނެވެ.

comment ކޮމެންޓް