އެމެރިކާގެ "ބެން އެންޑް ޖެރީސް" ކުންފުނި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެއްޖެ

ބެން އެންޑް ޖެރީސްގެ އައިސް ކްރީމްތަކެއް ---- ފޮޓޯ/ އޭއެފްޕީ

ޓެލްއަވީވް (ޖުލައި 25): އިސްރާއީލު ގަދަބާރުން ވެރިވެގަނެ ޔަހޫދީން ވަޒަންވެރި ކުރުވައިގެން އުޅޭ ފަލަސްތީނުގެ ބިންތަކުގައި އައިސް ކްރީމް ނުވިއްކުމަށް އެމެރިކާގެ މަޝްހޫރު "ބެން އެންޑް ޖެރީސް" ކުންފުނިން ނިންމުމުން އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ އެމެރިކާ ކަންބޮޑުވެއްޖެއެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔައީރު ލެބެޑް ވިދާޅުވީ އެމެރިކާގެ މަޝްހޫރު ވިޔަފާރި ކުންފުންޏަކުން ހުޅަނގު އައްސޭރިއާއި އެތަނުގައި އިސްރާއީލު ބިނާކޮށްފައިވާ ޔަހޫދީ އަވަށްތައް ބޮއިކޮޓް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި "ބެން އެންޑް ޖެރީސް"ގެ މި އަމަލަކީ އިސްރާއީލު ބޮއިކަޓް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ހިންގާ ބީޑީއެސް ހަރަކާތާ ގުޅިފައިވާ ކަމެއްކަމުގައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް ވިދާޅުވީ "ބެން އެންޑް ޖެރީސް"ގެ ނިންމުމަކީ އިސްރާއީލާ ޖައްސާލުމުގެ އަމަލެއް ކަމަށާއި އިސްރާއީލުން ވެސް "ބެން އެންޑް ޖެރީސް" އާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދުނިޔޭގެ އެކި ގައުމުތަކުގެ އެކްޓިވިސްޓުން ގުޅިގެން އިސްރާއީލު ބޮއިކަޓް ކުރުމަށް ބީޑީއެސް (ބޮއިކަޓް، ޑިސްއިންވެސްޓްމަންޓް އެންޑް ސެންކްޝަންސް)ގެ ނަމުގައި އިގްތިސާދީ ވަރުގަދަ ހަރަކާތެއް މުޅި ދުނިޔޭގައި ގެންދަނީ ކާމިޔާބު ކަމާއެކު ހިންގަމުންނެވެ. މިއީ ދުނިޔޭގެ ޒަމީރު ތަމްސީލް ކުރާ ސުލްހަވެރި އަދި ޔަހޫދީންގެ އަނިޔާވެރިކަމާ އިދިކޮޅު ހަރަކާތެކެވެ.

މިހަރަކާތުގެ މަގްސަދަކީ 1976 ގެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަށް ދުނިޔޭގެ އެކި ގައުމުތަކުން ޔަހޫދީން ގެނަސް ވަޒަންވެރިކޮށް އެބިންތަކުން ފަލަސްތީނު ރައްޔިތުން ބޭރުކުރުމަށް އިސްރާއީލު ހިންގާ އަނިޔާވެރި އިސްތިއުމާރު ހުއްޓުމަށްޓަކައި އިސްރާއީލަށް ފިއްތުންތައް ކުރިމަތި ކުރުމެވެ.

"ބެން އެންޑް ޖެރީސް" ކުންފުނިން އިސްރާއީލުގެ ޔަހޫދީ އިސްތިއުމާރީ އަވަށްތައް ބޮއިކޮޓް ކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް އިސްރާއީލުގެ އަނިޔާވެރިކަމުގެ ދިފާއުގައި އެމެރިކާ ސަރުކާރުންވެސްވަނީ ތެދުވެފައެވެ. ނަމަވެސް "ބެން އެންޑް ޖެރީސް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ޔަހޫދީން ވަޒަންވެރި ކުރުވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސައަކީ 1967 ގެ ހަނގުރާމައިގާ އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ބިންތަކެއް ކަމަށް އދގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނޫތައް ބުނާކަމަށާ އެހެންކަމުން އެބިންތައް ދާއިމީ ގޮތަކަށް އަތްދަށުލައި އިސްތިއުމާރުކޮށް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމަށް އިސްރާއީލު ހިންގާ އަމަލުތަށް ބަލައި ނުގަނެވޭނެ ކަމުގައެވެ.

އެހެންކަމުން އެކަމާ ދެކޮޅަށް ތެދުވުމަކީ އިންސާނިއްޔަތު ކަމުގެ ގޮތުންނާއި އަހުލާގީ ގޮތުން ގޮތުން އެކުންފުންޏަށް ކުރަން ލާޒިމް ކަމެއްކަމަށްވެސް އެކުންފުނީގެ ބަޔާން ބުނެއެވެ.

"ބެން އެންޑް ޖެރީސް" އައިސްކްރީމް ވިޔަފާރީގެ ކުންފުންޏެއް ގޮތުގައި ނުކުތީ 1978 ވަނަ އަހަރުއެވެ. އެކުންފުނީގެ މައި އޮފީސް ހުންނަނީ އެމެރިކާގެ ސްޓޭޓެއްކަމަށްވާ ވާމޮންޓް ގައެވެ. އެކުންފުނީގެ އުފެއްދުންތަކުގެ ތެރޭގައި އެކި ރަހަތަކުގެ އައިސްކްރީމް އާއި ޔޯގަޓާއި ކުކީޒް އަދި ޑޯނަޓް ފަދަ ފޮނިކާއެއްޗެހި ހިމެނެއެވެ.

"ބެން އެންޑް ޖެރީސް" އިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގެ ހުރިހާ ސަރަހައްދުތަކެއްގައި މީގެކުރިން އައިސްކްރީމް ވިޔަފާރި ކުރިޔަށް ގެންދިޔަނަމަވެސް މިހާރު އެކުންފުނިން ނިންމާފައިވަނީ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި އިސްރާއީލު ދޭ ހުއްދައިގެ ދަށުން އެކުންފުނީގެ އުފެއްދުންތައް ނުވިއްކުމަށެވެ. އަދި ހާއްސަކޮށް ހުޅަނގު އައްސޭރީގައިވާ ޔަހޫދީ އަވަށްތައް ބޮއިކަޓް ކުރުމަށެވެ.

އިސްރާއީލު ބޮއިކަޓް ކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާ އިގްތިސާދީ ހަރަކާތް ކަމަށްވާ ބީޑީއެސް ހަރަކާތުން ވަނީ "ބެން އެންޑް ޖެރީސް" ގެ މި ފިޔަވަޅަށް މަރުހަބާ ކިޔާފައެވެ. އެ ކުންފުނީގެ މި ނިންމުމަކީ ހިއްވަރުގަދަ ނިންމުމެއްކަމަށް ބީޑީއެސް އިންވަނީ ސިފަކޮށްފައެވެ.

"ބެން އެންޑް ޖެރީސް" ބުނިގޮތުގައި ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދްސަކީ އިސްރާއީލު ފޭރިގެންފައިވާ ބިންތަކެއް ކަމަށާ އެތަންތަނުގައި އެކުންފުނީގެ އުފެއްދުންތައް ވިއްކުމުގެ ހުއްދަ އިސްރާއީލަށް ނުދެވޭނެ ކަމުގައެވެ. އަދި އެހުއްދަ ދެވޭނީ އެބިމުގެ ވެރިންކަމަށްވާ ފަލަސްތީނަށް ކަމުގައެވެ. "ބެން އެންޑް ޖެރީސް" ކުންފުންޏަކީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅު ކޮންޒިއުމަރުން ގިނަ ކުންފުންޏެއްކަމުން ކޮންޒިއުމަރުން ނުރުހޭ ކަމެއް އެކުންފުންޏަށް ނުކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

comment ކޮމެންޓް