ރާއްޖެއަށް ޓޫރިސްޓުން އަންނަ މަންޒިލްތަކާއި އެއާލައިންތައް ޕެންޑެމިކްގެ ކުރިއަށްވުރެ ގިނަ

ރާއްޖެއަށް ދަތުރު ފެށި ސްޕެއިންގެ އައިބީރިއާ އެއާލައިނުގެ ފްލައިޓު ވެލާނާ އެއާޕޯޓުގައި -- ފޮޓޯ/ އެމްއޭސީއެލް

ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކާއި ފަތުރުވެރިން އަންނަ މަންޒިލްތަކުގެ އަދަދު، ކޮވިޑް19 ޕެންޑެމިކް ހާލަތުގެ ކުރިއާ އަޅާބަލާއިރު އިތުރުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2019ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިން އައީ 19 ގައުމަކުންނެވެ. އަދި މިއަހަރު އެ އަދަދު ވަނީ 25 އަށް އިތުރުވެފަ އެވެ. މިއީ 32 ޕަސެންޓުގެ ކުރިއެރުމެކެވެ.

ކުރިން ތަފާތު 35 މަންޒިލަކުން ފަތުރުވެރިން އައި ނަމަވެސް، މިއަހަރު އެ އަދަދު ވަނީ 39 އަށް އިތުރުވެފަ އެވެ. މިއީ 11 ޕަސެންޓުގެ ކުރިއެރުމެކެވެ.

މީގެ އިތުރުން ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު ވެސް 2019 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު ހަ ޕަސެންޓު ވަނީ އިތުރުވެފަ އެވެ. ކުރިން ފަތުރުވެރިންނާއެކު ރާއްޖެއަށް ދަތުރުކުރީ 34 އެއާލައިނެކެވެ. އަދި މިއަހަރު އެ އަދަދު ވަނީ 36 އަށް އިތުރުވެފަ އެވެ.

އިރުމަތީ ޔޫރަޕު އަދި ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ހިމެނޭ ރަޝިއާގެ އެއާލައިންތައް ރާއްޖެއަށް އިތުރުކުރަން ޓޫރިޒަމް މިިނިސްޓްރީން މިހާރުވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕެންޑެމިކްއަށްފަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކަށް ކޮންމެެވެސް ވަރެއްގެ ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

އެގޮތުން އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި ނުހިމެނޭ އައު ގައުމުތަކެއް ޕެންޑެމިކްއަށްފަހު އެ ލިސްޓުގައި ވަނީ ހިމެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިރުމަތީ ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކެވެ.

comment ކޮމެންޓް