ނަޝީދަށް ދިން ހަމަލާގައި ބައިވެރިވި އިތުރު މީހުންގެ ވަނަވަރު އާންމުކޮށްފި

މޭ ހައެއް ހަމަލާއާ ގުޅިގެން ހައްޔަރުކުރެވިފައިވާ ބައެއް މީހުން. -- ފޮޓޯ/ޕޮލިސް

މޭ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިތިބި އެންމެންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ހިމެނޭ ގޮތަށް ފުލުހުން ވަނީ އެމީހުންގެ ވަނަވަރު އާންމުކޮށްފައެވެ. ފުލުހުން ވަނަވަރު އާންމުކުރި މީހުންނަކީ

  • ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް،
  • ކ. މާލެ، ކުދެހިގެ، އިސްހާގު
  • ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ
  • އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް
  • ހއ. މުޅަދޫ ބަހާރުގެ، އަބްދުﷲ އަލި މަނިކު
  • ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް

ސީޕީ ހަމީދު ވިދާޅުވިގޮތުގައި ހަމަލާ ދިނުމަށް އެންމެ އިސް ދައުރެއް އަދާކުރައްވާފައިވަނީ ތަސްލީމް، އިސްހާގު އަދި އަލީ ހައިޝަމް އެވެ. އެމީހުންގެ ތެރެއިން ތަސްލީމް ހައްޔަރުކޮށްފައިވަނީ މިއަދުކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

އެމީހުންގެ އިތުރުން މީގެ ކުރިންވެސް ފުލުހުން ވަނީ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހެއްގެ ވަނަވަރު އާންމުކޮށްފައެވެ. އެއީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތިކަމަށް ތުހުމަތުވާ އަދުހަމް އަހުމަދު ރަޝީދު (26) ހިޔާ، ވ. ތިނަދޫ، މުޖާޒު އަހުމަދު (21) މއ. ފޭރުގެ، ތަހުމީން އަހުމަދު (32) ގއ. ކޮނޑޭ، ފޮޅޭމާ، އަހްމަދު ފާތިހު (23) ލ. ގަން، ދުންފިނިއުފާއެވެ.

ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ބޮން ގޮއްވާލަން ރިމޯޓަށް ފިއްތި އަދުހަމް އަހުމަދު ރަޝީދު (26) ހިޔާ، ވ. ތިނަދޫ ހިމެނެއެވެ. ސީޕީ ހަމީދު ވިދާޅުވިގޮތުގައި އަދުހަމް ހުރީ އެ ހަމަލާ ޖާނުންފިދާވެގެންވެސް ދިނުމަށް ތައްޔާރަށެވެ.

ފުލުހުން ވަނީ މިރޭގެ ބައްދަލުވުމުގައި އެތަނުން ކޮންމެ މީހަކު ހަމަލާގައި އަދާކުރި ދައުރުތަކާ ގުޅޭގޮތުންވެސް ތަފްސީލު ދެއްވާފައެވެ.

މިހާރު ހައްޔަރުކޮށްފައިވާ މީހުންނާއެކު ޖުމްލަ 10 މީހަކު ވަނީ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް