މަޝްހޫރު ސްޓޯންހެންޖްގެ އާސާރީ ސްޓޭޓަސް ގެއްލިދާނެ

ސްޓޯންހެންޖް ކައިރި ފަތުރުވެރިއަކު ހުއްޓިލައިގެން - ފޮޓޯ: ދަ ގާޑިއަން

އިނގިރޭސިވިލާތުގައި ހުންނަ މަޝްހޫރު އާސާރީ ބިނާ ސްޓޯންހެންޖްއަށް ދީފައިވާ ވޯލްޑް ހެރިޓޭޖް ސްޓޭޓަަސް އަތުލަން ޖެހިދާނެކަމަށް ސަގާފަތާއި ތަރިކައާ ބެހޭ އދގެ ޖަމިއްޔާ ޔުނެސްކޯއިން ބުނެފިއެވެ.

ޔުނެސްކޯއިން މިހެން ބުނީ މަގު ހެދުމުގެ ބޮޑު މަޝްރޫއެއްގެ ދަށުން ސްޓޯންހެންޖު ހިމެނޭ ސަރަހައްދުގައި ބިމު އަޑީގެ މަގެއް ކޮނުމުގެ މަސައްކަތް ކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާތީއެވެ. މި މަޝްރޫއުގެ އަގަކީ 1.7 ބިިލިއަން ޕައުންޑެވެ.

ޔުނެސްކޯއިން ބުނާ ގޮތުގައި އާސާެރީ ތަންތަނާއި ބިނާތައް ހުންނަ, ނުވަތަ އެ ބިނާތަކުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ޒަމާނީ އިމާރާތްތަކާއި ބިނާތައް އެޅުމަކީ އާސާރީ ތަންއތަނުގެ އަސްލު ގެއްލޭ ކަމެކެވެ.

އެހެންކަމުން ޔުނެސްކޯއިން ބުނެފައިވަނީ އިނގިރޭސި ސަރުކާރުން ހިންގަން ނިންމާފައިވާ ގޮތަށް މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ "ވޯލްޑް ހެރިޓޭޖް ސައިޓްސް" ލިސްޓުން ސްޓޯންހެންޖު އުނިކޮށް, "ވޯލްޑް ހެރިޓޭޖް ސައިޓްސް އިން ޑޭންޖާ"ގެ ލިސްޓަށް އެތަން ލާނެ ކަމަށެވެ.

"އިން ޑޭންޖާ" ލިސްޓަށް ލުމަކީ އާސާރީ ބިނާއަކަށް ނުވަތަ ތަނަކަށް ޔުނެސްކޯއިން ދީފައިވާ "ހެރިޓޭޖް ސައިޓް"ކަމުގެ ސްޓޭޓަސް އަތުލުމުގެ ކުރިން ފުރިހަމަކުރާ އިޖުރާއަތެކެވެ.

ޔުނެސްކޯއިން ދާދި ފަހުން ވަނީ 2004 ވަނަ އަހަރު ވޯލްޑް ހެރިޓޭޖް ލިސްޓަށް ލައި, އަދި 2012 ވަނަ އަހަރު އިން ޑޭންޖާ ލިސްޓަށް ބަދަލުކުރި އިނގިރޭސިވިލާުގެ މަޝްހޫރު ސިޓީ ލިވަޕޫލްއަށް ދީފައިވާ ހެރިޓޭޖް ސައިޓުކަމުގެ ސްޓޭޓަސް އަތުލައިފައެވެ. މިކަން މިގޮތަށް ކުރީ ލިވަޕޫލްގެ މަލަމަތީގައި އިމާރާތްތަކެއް އަޅައިގެން ހިންގާ 5.5 ބިލިއަން ޕައުންޑުގެ "ލިވަޕޫލް ވޯޓާސް" މަޝްރޫއު ހިންގާތީ, މިކަމުގެ ސަބަބުން ލިވަޕޫލްގެ އާސާރީ ޝަހުސިއްޔަތު ގެއްލޭކަމަށް ޔުނެސްކޯއިން ނިންމުމާ ގުޅިގެންނެވެ.

ސްޓޯންހެންޖު ސަރަހައްދުން ބިމުއަޑިން ދެ މޭލުގެ މަގެއްވެސް ހަދާ ގޮތަށް ރޭވިފައިވާ ރޯޑް ނެޓްވޯކެއް އެޅުމުގެ ހުއްދަ އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓު ސެކްރެޓަރީ ގްރާންޓް ޝެޕްސް ދެއްވީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އެހެން ނަމަވެސް މަޝްރޫއު ހިންގުމާ ބެހޭގޮތުން ޖުޑިޝަލް ރިވިއުއެއް ކުރެވެމުންދާ އިރު, މަޝްރޫއު ކުރިއަށް ގެންދާނީ އެގައުމުގެ ހައިކޯޓުން އެއާ މެދު ގޮތެއް ނިންމުމުންނެވެ.

ސްޓޯންހެންޖް އަކީ އިނގިރޭސި ވިލާތުގެ އެންމެ ދުވަސްވީ އެއް އާސާރީ ބިނާއެވެ. މިބިނާއަށް 5,000 އަހަރެއްހާ ދުވަސް ވެފައިވާއިރު މިތަނަކީ އިނގިރޭސި ވިލާތަށް ގިނަ ފަތުރުވެރިން ދަތުރު ކުރާ އެއް ސަބަބު ވެސް މެއެވެ.

comment ކޮމެންޓް