ފައިސާ ނުދައްކާތީ ޕީއެސްއެމް ނިވްސްގެ ވެބްސައިޓް ޑައުންކޮށްފި

ފައިސާ ނުދެއްކުމުން ޕީއެސްއެމް ނިވްސްގެ ވެބްސައިޓް ޑައުންކޮށްފައި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ނިވްސް ވެބްސައިޓް ޑައުންކޮށްލައިފިއެވެ.

ޕީއެސްއެމްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ ކުންފުނީގެ ވެބްސައިޓް ޑައުންކޮށްފައިވަނީ ވެބް އޮޕަރޭޓަރަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފަައިސާ ނުދައްކާ ހުރުމުން ކަމަށެވެ.

"މަދުވެގެން 2000 ޑޮލަރު ދައްކައިގެން އަލުން ވެބްސައިޓް އަޕްކުރެވޭނީ. ދެން ފައިނޭންސުން ބުނީ ނެތޯ ލާރިއެއް މިވަގުތު. ހަތަރުވަރަކަށް ދުވަސް ވާނެއޭ ބުނީ،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ކުރިންވެސް ވެބްސައިޓް ޑައުންކޮށްލާނެކަމުގެ ވާހަކަ އަންގާފައިވާކަމަށެވެ. އަދި މަދު ފައިސާކޮޅެއް ދެއްކުމަށް އުޒުރުވެރިވެ ދައުލަތުގެ މީޑިއާގެ ވެބްސައިޓް ޑައުންވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު "ސަން" އަށް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.

"އެއީ މިސްކޮމިއުނިކޭޝަނެއް. ދިމާވެގެން މިއުޅެނީ ޓެކްނިކަލް މައްސަލައެއް،" ޚާލިދު ވިދާޅުވިއެވެ.

އެހެންނަމަވެސް އިތުބާރު ހުރި މަސްދަރަކުން "ސަން" އަށް ވަނީ ހާލިދުގެ ވާހަކަތައް ދޮގުކަން ކަށަވަރުވެފައެވެ.

ޕީއެސްއެމްއަކީ ކޮންމެ އަހަރަކުވެސް ދައުލަތުގެ ބެޖެޓުން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ ދައުލަތުގެ ކުންފުންޏެކެވެ. އަދި ސްޕޮންސަރުންގެ ތެރެއިންވެސް ގިނަ އަދަދެއްގެ ފައިސާ އެ ކުންފުންޏަށް އަންނަނީ ހޯދަމުންނެވެ.

comment ކޮމެންޓް