ސާފް ބާއްވަން ރާއްޖެއާ އެކު އިންޑިއާ އާއި ނޭޕާލުގެ ޝައުގުވެރިކަން

ނޭޕާލްގައި 2013 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި އަފްޣާނިސްތާން ބައްދަލުކުރި މެޗުގެ ތެރޭން. ދަސަރަތު ރަންގަސަލާ ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މި އަހަރު ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ނުބޭއްވޭނެކަމަށް ދެކެވުނު ވާހަކާ އެކު އެ މުބާރާތް ހޯސްޓް ކުރަން ރާއްޖެ އާއި އިންޑިއާ އަދި ނޭޕާލުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަން ބާއްވަން މިހާރު ހަމަޖައްސާފައިވާ، ބަންގްލަދޭޝްގައި އެކަން ކުރެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އެ ގައުމުގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން މުބާރާތެއް ބޭއްވޭނެ ކަމުގެ ޔަގީން ކަމެއް ސަރުކާރުން ނުދިނުމުގާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބާއްވަން އާ ބިޑަށް ހުޅުވާލާނެ ކަމަށް އޭއެފްސީން ވަނީ މިފަހުން އިއުލާންކޮށްފަ އެވެ.

އެގޮތުން އިއްޔެ ބޭއްވި ސާފްގެ ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައި މި ފަހަރުގެ މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކުރަން ފުރުސަތު ހުޅުވާލުމާ އެކު ރާއްޖެ އާއި އިންޑިއާ އަދި ނޭޕާލް އިން ވަނީ މުބާރާތް ބާއްވަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ސާފް އިން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި މި ފަހަރުގެ ސާފް ބާއްވާނެ ގައުމެއް ކަނޑައެޅުމަށާއި އަންނަ އޮކްޓޫބަރު މަހުގެ ކުރީ ކޮޅުގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށެވެ.

މިހާރު އޮތް ގޮތުން ސާފް ޗެމްޕިއަންޝިޕުގައި ކުޅޭނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ގައުމެވެ. ކޮވިޑްގެ ހާލަތު އޮތް ގޮތުން ބޫޓާންގެ ފުޓްބޯޅަ ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުުއްދަ ނެތުމުން އެ ގައުމުން ވަނީ މުބާރާތުގައި ބައިވެރި ނުވާން ނިންމައިފަ އެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.

comment ކޮމެންޓް