އޮލިމްޕިކްސް މުބާރާތްތައް ފެށުމުގެ ރަސްމިއްޔާތަށް ހާޒިރުވީ ހާހެއްހާ މީހުން

ޓޯކިޔޯ 2020 އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު

ޓޯކްޔޯ (ޖުލައި 24): 2020 ވަނަ އަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތްތައް ފެށުމުގެ ރަސްމިއްޔާތު ޖަޕާނުގެ ވެރިރަށް ޓޯކިޔޯ ގައި ވަރަށް ފަޅު ގޮތަކަށް ބާއްވައިފިއެވެ.

ކޮވިޑް-19 މުޅި ދުނިޔޭގައި ފެތުރި އެބަލީގައި ގިނަ އަދަދެއްގެ މީހުން މަރުވަމުންދާ ދުވަސްވަރެއްގައި މި ކުޅިވަރުގެ މިފަދަ ބޮޑު މުބާރާތެއް ބާއްވާތީ ޖަޕާނުގެ ގިނަ ބަޔަކުވަނީ ހިތްހަމަނުޖެހިފައެވެ. އެހެންކަމުން ޓޯކިޔޯ އޮލިމްޕިކްސް ސްޓޭޑިއަމްގައި ބޭއްވި އޮލިމްޕިކްސް ކުޅިވަރު މުބާރާތްތައް ފެށުމުގެ ރަސްމިއްޔާތަށް ހާޒިރުވެފައިވަނީ ހާހެއްހާ މީހުންނެވެ. ޓޯކްޔޯ އޮލިމްޕިކްސް ސްޓޭޑިއަމްއަކީ ގާތްގަނޑަކަށް 68 ހާސް މީހުންނަށް ފަސޭހައިން ކުޅިބެލުމުގެ ޖާގައޮތް ސްޓޭޑިއަމް އެކެވެ.

ޓޯކްޔޯ 2020 އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އޮލިމްޕިކްސް ކުޅިވަރު މުބާރާތްތައް ފެށުމުގެ ރަސްމިއްޔާތު ބޭއްވީ ހަވާއެރުވުމާއި ނެށުމާއި، ސަގާފީ ކުޅިވަރުތަކާ އެކުގައެވެ. މިރަސްމިއްޔާތު ލައިވްކޮށް ޓީވީ ތަކުންނާއި އިންޓަނެޓް މެދުވެރިކޮށް ދުނިޔޭގެ ގައުމުތަކުގެ އެތަށް މިލިޔަންބަޔަކު ބެލިނަމަވެސް މި ރަސްމިއްޔާތު ބެލުމަށް އޮލިމްޕިކްސް ސްޓޭޑިއަމަށް ހާޒިރުވެފައިވަނީ ގާތްގަނޑަކަށް ހާހެއްހާ މީހުންނެވެ. އެހެންކަމުން ސްޓޭޑިއަމް އޮތީ ވަރަށް ފަޅުކޮށެވެ.

އޮލިމްޕިކްސް ކުޅިވަރު މުބާރާތްތައް ރަސްމީކޮށް ފައްޓަވައި ދެއްވީ ޖަޕާނުގެ ރަސްގެފާނު ނަރުހީޓޯ އެވެ. ނަރުހީޓޯ މުބާރާތް ފައްޓަވައި ދެއްވުމުގެ ކުރިން މުބާރާތްތަކުގެ ބައިވެރިންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސް ބާކްއެވެ. އޭނާ ދެއްކެވި ވާހަކަފުޅުގައި ކޮވިޑް-19 ގެ މި ހާލަތުގައިވެސް ޖަޕާނުން އޮލިމްޕިކްސް އަށް ދިން އެއްބާރުލުމަށްޓަކައި ޖަޕާނު ރައްޔިތުންނަށާއި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ޓޯކްޔޯ 2020 އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ޖަޕާނުގެ ރަސްގެފާނު ނަރުހީޓޯ އާއި އޭނާގެ އަނބިކަނބަލުން އަދި ރާނީ މަސާކޯ

މުބާރާތްތައް ފެށުމުގެ ރަސްމިއްޔާތުގައި އޮލިމްޕިކްސްގެ ހުޅު ރޯކުރީ ޖަޕާނުގެ އަންހެން ކުޅުންތެރިއެއް ކަމަށްވާ ނައޯމީ އޮސާކާ އެވެ. މިރަސްމިއްޔާތަށް ހާޒިރުވެވަޑައިގެންނެވީ ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި އިއްޒަތްތެރިންގެ ތެރެއިން އެންމެ 15 ބޭފުޅުންނެވެ. އޭގެތެރޭގައި އެމެރިކާގެ ރައީސް ބައިޑެންގެ އަނބިކަނބަލުން ޖިލް ބައިޑެންވެސް ހިމެނިވަޑައިގަންނަވައެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވީ މުބާރާތްތަކުގައި ވާދަކުރާ ކުޅުންތެރިންގެ ތެރެއިން ގާތްގަނޑަކަށް 5700 ކުޅުންތެރިންނެވެ. ޖަޕާނުގައި އޮލިމްޕިކްސް ކުޅިވަރުތައް މި ބާއްވަނީ ކޮވިޑް-19 އާ ދެކޮޅަށް ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތައް އަޅައިގެންނެވެ. މިއާއެކުވެސް މުބާރާތްތަކުގައި ވާދަކުރާ ކުޅުންތެރިންގެ ތެރެއިން 106 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ޖަޕާނުގައި މިއީ އޮލިމްޕިކްސް ބާއްވާ ދެވަނަ ފަހަރެވެ. ޖަޕާނުގައި އޮލިމްޕިކްސް އެންމެ ފުރަތަމަ ފަހަރު ބައްވާފައިވަނީ މީގެ 57 އަހަރު ކުރިންނެވެ.

comment ކޮމެންޓް