ރައީސް ނަޝީދާއެކު ހަދާ ކޯލިޝަނަކުން މާ ގިނަ ދުވަހު ވެރިކަމުގައި ނުތިބެވޭނެ: މަވޯޓާ ޝަރީފް

ރައީސް ނަޝީދު އަދި މެމްބަރު ޝަރީފް ---

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު ހަދާ ކޯލިޝަނަކުން މާ ގިނަ ދުވަހު ވެރިކަމުގައި ނުތިބެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ކޯލިޝަނާމެދު ރައީސް ނަޝީދު ކަންތައް ކުރައްވާ ގޮތާމެދު ފާޑު ވިދާޅުވެ މަވޯޓާ "ސަން" އަށް ވިދާޅުވީ ރައީސް ނަޝީދާއެކު ހެދި އެއްވެސް ކޯލިޝަނެއް މާ ގިނަ ދުވަހު ދެމި ނޯންނަ ކަމަށެވެ.

"އެންމެ ފުރަތަމަ 2008 ވަނަ އަހަރު ވެރިކަމަށް ރައީސް ނަޝީދު ވަޑައިގަތީވެސް މިހާރު މިއޮތް ކޯލިޝަން، އަދާލަތު އަދި ޖުމްހޫރީ ޕާޓީގެ ތާއިދާވެސް އެކު. އެހެންނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެ ކޯލިޝަން ރޫޅިއްޖެ. ދެން އެހެންވީމާ ރައީސް ނަޝީދާއެކު ހައްދަވާ ކޯލިޝަނަކާއެކުގައި މާ ގިނަ ދުވަހު ވެރިކަމުގައި ނުތިބެވޭނެކަން އެނގޭނެ." މަވޯޓާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިކަމަކީ ކޯލިޝަން ހަދާ ޕާޓީތަކަށްވެސް އާ ކަމަކަށް ނުވާނެކަމަށެވެ. އަދި މި ފަދަ ކަންކަން ތަކުރާރުވަމުންވެސް އަންނަކަމަށެވެ.

"ރައީސް ނަޝީދުގެ ރިޔާސީ ކެނޑިޑޭޓުކަމުގެ ދަށުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުނު ނަމަ މިހާރު ޖުމްހޫރީ ޕާޓީއަކުންވެސް އަދާލަތުންވެސް އަދި ދެން ތިބި ބަޔަކުވެސް އެމްޑީޕާއާއެކު ކޯލިޝަނެއް ނުހަދާނެ. އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރައީސް ނަޝީދާއެކު ކޯލިޝަން ހެއްދެވުމަކީ ކުރެއްވޭނެކަމެއް ނޫންކަން," އޭނާ ވިދާޅުވިއެވެ.

މަވޯޓާ ޝަރީފް ވިދާޅުވީ މިހާރުގެ ކޯލިޝަންވެސް ރޫޅިގެން ނުގޮސް މިއޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މަޑުމައިތިރިކަމާއި ކެތްތެރިކަމުގެ އިތުރުން އެމަނިކުފާނުގެ ވިސްނުންތެރިކަމުގެ ސަބަބުންކަމަށެވެ.

އަދި ރައީސް ސޯލިހު އުޅުއްވަނީ ރައީސް ނަޝީދަށް ރައްދު ނުދެއްވާ ވަރަށް ބޮޑަށް ދޫ ދެއްވައިގެންކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ރައީސް ސޯލިހު މަސައްކަތްކުރައްވަނީ އަމިއްލަ މަސްލަހަތަށްވުރެ އެމްޑީޕީގެ ސިޔާސަތު އިސްކުރައްވައިގެންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރައީސް ނަޝީދު ވަނީ ޕީޕީއެމާއެއްކޮށް މަސައްކަތްކުރައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޕީޕީއެމުން ވަނީ އެކަމަށް އެއްވެސް ޖާގައެއް ނެތްކަމަށް ބުނެފައެވެ. އެއާއެކު މިހާރު ސަރުކާރު ހިންގާ ކޯލިޝަނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާ ބަޔާނެއް ވެސް ރައީސް ނަޝީދު ވަނީ ނެރުއްވާފައެވެ.

comment ކޮމެންޓް