"އޭ ބާއީ، ސައިކަލު ފޮހެލަނީތަ،" މިއީ މާލޭގެ އެންމެ ތޮއްޖެހިފައިވާ ޕާކިން ސަރަހައްދުތަކުގެ ތެރެއިން ސަރަހައްދަކަށް މަޑުކޮށްލައިފިނަމަ އެންމެ ފުރަތަމަ ވެސް އަހާނެ ސުވާލެވެ. މިއީ އެ ތަންތަނުގައި ސައިކަލެއް ޕާކުކުރޭތޯ ބަލަ ބަލައި ތިބޭ ބިދޭސީންގެ އެންމެ ފުރަތަމަ ސުވާލެވެ. ކާނިވާ ސަރަހައްދާއި ހުޅުމާލޭގެ ބައެއް މަގުތަކުން މިއީ އާންމު މަންޒަރެކެވެ. އެއްވެސް އުސޫލެއް، ހުއްދައެއް، ނެތި މާލޭގެ މަގުތަކުގައި ކުރާ މި ކަމުގެ ސަބަބުން ދައްޗާ ކުރިމަތިލާންޖެހެނީ މަގު ބޭނުންކުރާ މީހުންނަށެވެ. ގަވައިދާ ޚިލާފަށް ކުރަމުން އަންނަ މި މަސައްކަތް މިއަދާ ހަމައަށް ވެސް ކަމާ ގުޅުން ހުރި އެއްވެސް އިދާރާއެއްގެ ސަމާލުކަމަށް އައިސްފައެއް ނުވެއެވެ. ނުވަތަ އެ ކަން އެނގުނަސް އަޅައިނުލައި ތިބީއެވެ.
ސައިކަލު ސާފުކުރަން ބިދޭސީން ގެންގުޅޭ ބައެއް ތަކެތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އާންމުންނަށް ބޮޑު ތަކުލީފެއް
މަގަކީ އެންމެން ވެސް ބޭނުންކުރާ އާންމު ތަނެކެވެ. އާންމުންނަށް ދަތިވާ ގޮތަށް ކުރާ ކޮންމެ ކަމަކީ އޭގެ ސަބަބުން މަގު ބޭނުންކުރުމަށް ހުރަސް އެޅޭ ސަބަބެކެވެ. އެގޮތުން އާންމު ގޮތެއްގައި ސައިކަލު ފޮހެން ބިދޭސީންނާއި ދިވެހީން ތިބޭ ތަންތަނުގެ ސާފުތާހިރުކަމެއް ނެތެވެ.
ސައިކަލު ދޮންނަން ބޭނުންކުރާ ފެންގަނޑު އެޅެނީ މަގު މައްޗަށެވެ. ފެން ހިންދޭނެ ގޮތެއް ނެތުމުން އެ ތަން އޮންނަނީ ޗަކަވެފައެވެ. މީގެ އިތުރުން އެ ތަންތަނަށް ކަޅު ތެޔޮ އެޅިފައި ހުރުމާއި، ފާރުތައް ހަޑިވެ، ކަޅުވެފައި ހުރުމަކީ ސާފުތާހިރުކަން ކުޑަކަން ހާމަވާ ކަމެކެވެ.
އާންމު ރައްޔިތަކު "ސަން"އަށް ކިޔައިދިން ގޮތުގައި ގިނަ ފަހަރު އެ މީހުންގެ ފަރާތުން ކުރިމަތިލާން ޖެހެނީ އުނދަގުލާއެވެ. ސައިކަލު ސާފުކޮށްދޭން އަހާ ސުވާލު ކުރަނީ އެ ކަމަށް 'އާނއެކޭ' ބުނުމުންކަމަށް އޭނާ ކިޔައިދިނެވެ. ބައެއް ފަހަރު ފަހަރު ނޫނެކޭ ބުނެފައި އޮއްވައި ވެސް އަންނަންވާއިރަށް ސައިކަލު ސާފުކޮށްފައި ހުންނަކަމަށް އޭނާ ބުންޏެވެ.

ކާނިވާ ސަރަހައްދުގައި ސައިކަލް ފޮހުމަށް ފަހު މަގުމައްޗަށް ފެންތައް ދޫކޮށްލާފައި: އޭގެ ސަބަބުން މަގުތައް ވަރަށް ހަޑިވޭ-- ސަން ފޮޓޯ
"އަޅުގަނޑަށް މިހާރު މި ކަމެއް ދިމާވެއްޖެ ފަސްވަރަކަށް ދުވަހު. ކާނިވާ ތެރެއަށް ނުވަދެވޭނެ އެ މީހުންނާ ކުރިމަތިނުވެއެއް. ދެން އަނެއްކާ މީގެ ކުރިން ވެސް ނޫނެކޭ ބުނެފައި އޮއްވައި ސާފުކޮށްފައި ލާރިއަށް އަހައިފި. މި ކަހަލަ ކަންކަން މި ކުރިމަތިވަނީ. އަސްލު މިއީ މަގުތައް ވަރަށް ބޮޑަށް ހަޑިވާ ކަމެއް. ދެން ނެތް ދޯ މި ކަން ބަލާނެ ބަޔަކު. އެހެންވެ ވާގޮތެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އޭނާ ބުންޏެވެ.
އިތުރު މީހަކު ބުނި ގޮތުގައި އެ ފަދަ ކަންކަން ކުރަން ފުރުސަތު ދެވިފައި އޮންނަ އޮތުމަކީ ވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެގޮތުން ބިދޭސީން ނުގަވައިދުން ކުރާ ކަންކަން ހުއްޓުވައި ފިޔަވަޅު އެޅެން ޖެހެއެވެ.
"އަޅުގަނޑުމެންނަށް ހައްތަހާ ވެސް މި ފެންނަނީ ހަމަ ވަރަށް ހާމަކަން ބޮޑުކޮށް، ފުލުހުންނަށް ވެސް ސިޓީ ކައުންސިލަށް ވެސް އަދި ސަރުކާރަށް ވެސް އެނގިގެން މި ކަން މި މީހުން ކުރާ ތަން. މަގުމަތީ ސިއްރުން ކަމެއް ނުކުރެވޭނެ ނޫންތޯ. މަގުތައް އެބަ ހަޑިވޭ. އާންމުންނަށް ވެސް އެބަ ދަތިވޭ. އެހެންވީމާ ކޮބައިތޯ އިދާރާތަކުން ފިޔަވަޅު ނާޅަންވީ ސަބަބަކީ،" އޭނާ ބުންޏެވެ.
ވިލިމާލެ ފެރީ ޓާމިނަލް ކައިރި ފުޑް ކޯޓު ސަރަހައްދުގައި ސައިކަލު ފޮހޭ ދެ ބިދޭސީއެއް މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއީ ގަވައިދާ ޚިލާފަށް ހަރަކާތްތެރިވާ މީހުން
އިކޮނޮމިކް މިނިސްޓްރީން އެކުލަވައިލައިފައިވާ ގަވައިދުތަކުގައިވާ ގޮތުން ދިވެހީން ކުރާ ވިޔަފާރިތަކުގައި، އަދި ބައެއް ވަޒީފާތަކުގައި ބިދޭސީން ހަރަކާތްތެރިވެ އުޅުމަކީ މަނާކަމެކެވެ. އެގޮތުން ކާރާއި ސައިކަލު ފޮހުމާއި، ފިހާރައިގައި ސޭޓުކަން ކުރުމަކީ ވެސް ބިދޭސީންނަށް ކުރަން ހުއްދަ އޮތް ކަންކަމެއް ނޫނެވެ.
ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ ތެރެއިން ރެގިއުލޭޓްކުރެވެނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދެއެވެ. ބިދޭސީންގެ އަތް މަތީގައި އޮތީ ހަމައެކަނި ސައިކަލު ދޮވެ ސާފުކުރުމުގެ ވިޔަފާރި އެކަންޏެއް ނޫނެވެ. ކުދިކުދި ފިހާރަތައް ހުޅުވައި ފާޅުކަން ބޮޑު ގޮތެއްގައި އަންނަނީ އެ ކަން ކުރަމުންނެވެ.
ޕާކިން ޒޯންތަކުގައި އާންމު ގޮތެއްގައި މި ކަން ކުރަން ތިބޭ ބިދޭސީންނާ ވާހަކަދައްކާލުމުން އެ މީހުން ބުނީ އެއީ އެ މީހުންނަށް އާމްދަނީ ހޯދަން ކުރަން މަޖުބޫރު ކަމެއް ކަމަށެވެ. އެގޮތުން އެކަކު ބުނި ގޮތުގައި ހަމައެކަނި ސައިކަލު ފޮހެ، ސާފުކޮށްގެން ދުވާލެއްގެ މައްޗަށް 150 ރުފިޔާ އޭނާ ހޯދައެވެ. އެއީ އެ ދުވަހަކަށް ބޭނުންވާ މިންވަރެވެ. އޭގެ ތެރެއިން ބައެއް ކަންކުރުމަށްފަހު ބާކީވާ ލާރި، ގައުމަށް ފޮނުވުމަށް ރައްކާކުރެއެވެ.
ބިދޭސީއެއް އިއްޒުއްދީން މަގުގައި އޮތް ޕިކަޕެއް ސާފުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހަމައެއާއެކު އިތުރު ބިދޭސީއަކާ ވާހަކަދައްކާލުމުން، އޭނާ ބުނީ ސައިކަލު ފޮހުމުގެ މަސައްކަތަކީ އޭނާ "ޕާޓް ޓައިމް"އަށް ކުރާ މަސައްކަތެއް ކަމަށެވެ. ހޮޓަލެއްގެ ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އެ ބިދޭސީ މީހާ ބުނި ގޮތުގައި ހެނދުނު ހޮޓަލުގައި މަސައްކަތްކޮށް، ހަވީރު ޑިއުޓީ ނިމުމުން އޭނާ ދެން ދަނީ ސައިކަލު ފޮހޭށެވެ. ކޮންމެ ދުވަހަކު ވެސް މި މީހުން އިރު އޮއްސެންދެން މި މަސައްކަތުގައި ތިބޭއިރު ރޭގަނޑަކީ އަރާމުކުރާ ވަގުތު ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
ސައިކަލު ދޮންނަން އުޅޭ ބިދޭސީއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިދާރާތައް މި ކަމަށް ހައްލެއް ނޭނގިފައި
ބިދޭސީންގެ މި މައްސަލައާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ، ބިދޭސީން މާލޭގެ އެކި ސަރަހައްދުތަކުގައި ސައިކަލު ދޮންނަން ތިބޭ ތިބުން ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. ނަމަވެސް ބިދޭސީންގެ މައްސަލައަކީ އެންމެ މުއައްސަސާއެއް އެކަނި މަސައްކަތްކޮށްގެން ހައްލުވާނެ މައްސަލައެއް ނޫންކަމަށް މުއިއްޒު ވިދާޅުވެއެވެ.
އަދި ލާމަރުކަޒީ ގާނޫނުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ކައުންސިލްގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅައިފައިނުވާކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މާލޭ ސިޓީ މޭޔަރު މާލޭ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ސަން އަށް ދިން ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ކައުންސިލަށް މި އޮންނަނީ މާލެ ތެރެ ސާފުތާހިރުކޮށް ބޭއްވުން. އެހެންވީމާ ބިދޭސީންނަށް ސީދާ އެޓެންޑުވާން މި އޮންނަނީ އިކޮނޮމިކް މިނިސްޓްރީން ނޫނިއްޔާ އިމިގްރޭޝަނުން، މި ތަންތަނުން، ލޭބާ ރިލޭޝަންސް އޮތޯރިޓީ، މިހެން ގޮސް މިކަހަލަ ތަންތަން. ދެން އެ ބޭފުޅުންގެ ޒިންމާ އެ ބޭފުޅުން އަދާނުކޮށް މަގު މައްޗަށް ގިނަވެފައި ބިދޭސީންތައް އުޅުމަކީ ކައުންސިލްގެ ޒިންމާ އޭގައި އަދައިނުކުރުމެއް ނޫން. ދެން އެ ބޭފުޅުންނަށް އެ ބޭފުޅުންގެ ކަންތައްތައް ނުކުރެވުމަކީ ހަގީގަތުގައި މީގައި އެހާ ބޮޑަށް މި މައްސަލަ ގޯސްވާ ސަބަބު،" މުއިއްޒު ވިދާޅުވިއެވެ.
އެހެންނަމަވެސް މި ކަމުގައި ކައުންސިލުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރާނެކަމަށް މޭޔަރު ވިދާޅުވިއެވެ. އެހެންނަމަވެސް އެންމެ އެދެވޭ ނަތީޖާއެއް ފެންނާނީ އެންމެންގެ އެއްބާރުލުމާއެކު ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މަގުމަތި ހަޑިކޮށް ނޫނިއްޔާ ތި ވިދާޅުވި ކަހަލަ ޚާއްސަ ދިމަދިމާލުގައި މީ ހަމަ ވެހިކަލް ދޮވުމާއި ވެހިކަލް ސާފުކުރުމާއި މި ކަންކަމުގެ ސަބަބުން މަގުމަތީ ފެން ބޮޑުވެ، ކަޅު ކުލައިގެ ތެޔޮތަކާ އެއްޗެހި ގިނަވެ ގާތައް ޕޭވްމަންޓް ހަޑިވެ މި ކަންތައްތަކެއް ހިނގާ އެބަ. ދެން އެކަމު އެ ކަންކަން ރަނގަޅުކުރެވޭނީ އެންމެ އެދޭ ގޮތަށް، އަޅުގަނޑުމެންނަށް މިއަދު ވެސް ގޮސްފައި މުޅި ސަރަހައްދު ސާފުކުރެވޭނެ. އެ ކަމު މާދަން ހުންނާނީ އަނެއްކާ ވެސް ހަޑިވެފައި. ޕޮލިހުގެ އަޅައިލުމެއް ނުލިބޭ މިސާލަކަށް ދަންނަވާ ކަމަށްވަންޏާ އެކަހަލަ ކަންކަމުގައި،" އޭނާ ވިދާޅުވިއެވެ.

ސައިކަލް ފޮހެން ބޭނުން ކުރާ ސާމާނު މަގުގެ އެއް ފަރާތުގައި ބަހައްޓާފައި-- ސަން ފޮޓޯ
މި ކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ބަހެއް ލިބޭ ގޮތްވަނީ ނުވެފައެވެ.
ކޮންމެ އަކަސް އާންމު ސާފުތާހިރުކަމާއި ގުޅިފައިވާ މި ކަމަކީ ހައްލު ބޭނުންވާ މުހިންމު ކަމެކެވެ. އަޅައިލުމެއް ނެތި މަގުތަކުގައި ވެހިކަލް ދޮވެ ސާފުކުރުމުގެ ފުރުސަތު ދީފައި އޮންނަ ނަމަ ދެން ފެންނާނީ އެ ކަން އިތުރަށް ފުޅާވެ ބޮޑެތި ވިޔަފާރިތަކަށް މި ކަން ބަދަލުވާ މަންޒަރެވެ. މަގުތަކުގެ ސާފުތާހިރުކަން ގެއްލި، އާންމުންނަށް ކުރިމަތިލާން ޖެހޭ ތަކުލީފު އިތުރުވާ މަންޒަރެވެ.