ކޮންސިއުލޭޓެއް އަޅަން މަޝްވަރާކުރުމަކީ މެންޑޭޓުގައި ނެތްކަމެއް ކަން އެނގޭ: ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު --- ފޮޓޯ: ސިޓީ ކައުންސިލް

ރާއްޖޭގެ ރަށެއްގައި ކޮންސިއުލޭޓު އެޅުމަށް އެހެން ގައުމަކާއެކު މަޝްވަރާކުރުމަކީ ކައުންސިލްތަކުގެ މެންޑޭޓުން ބޭރު ކަމެއްކަން އެނގޭކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމުގެ ކުރިން، ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް އެޅޭތޯ މަސައްކަތް ކުރަމުންދާ ކަަމަށާއި އެކަމާ ޗައިނާގެ އެމްބަސީގެ ބޭފުޅުންނާ ކައުންސިލްގެ ފަރާތުން މަޝްވަރާތަކެއް ކުރި ކަމަށް ނިޒާރު ވަނީ ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ވާހަަކަދައްކަވަމުން ވިދާޅުވެފައެވެ.

https://sun.mv/154604

މިކަމާ ގުޅިގެން ނިޒާރު "ސަން" އަށް ވިދާޅުވީ ކޮންސިއުލޭޓުގެ ވާހަކަ ޗައިނާއާއެކު ދެކެވިފައިވަނީ ނުރަސްމީކޮށް ކަމަށާއި، އެއީ ކައުންސިލްގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަން އެނގިލައްވާ ކަމަށެވެ.

"އަޅުގަނޑުމެން ރަސްމީ މަޝްވަރާތަކެއް ނުކުރަން. އެއީ ދެން އިންޑިއާއިން ކޮންސިއުލޭޓާ ބެހޭގޮތުން ސުވާލުކުރީމަ ދިން ޖަވާބެއް. އަޅުގަނޑުމެންނާ އެތަންތަނާ [ޗައިނާއާ] ވެސް ވާހަކަދެކެވިގެން، ކޮންމެވެސް ވަރަކަށް ނުރަސްމީ މަޝްވަރާ ކުރެވިގެން. އެވާހަކަ އަޅުގަނޑު ދެންނެވީ," ނިޒާރު ވިދާޅުވިއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ އައްޑޫގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް އެޅުމާގުޅޭ އެއްވެސް ކަހަލަ އިޝާރާތެއް ސަރުކާރުން ކޮށްފައިނުވާ ކަމަށެވެ.

އައްޑޫގައި ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް އެޅޭތޯ މަސައްކަތް ކުރަމުންދާކަމަށް ނިޒާރު ވިދާޅުވެފައިވަނީ، އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް އަޅަން އިންޑިއާގެ ސަރުކާރުން ނިންމުމާ ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ނިޒާރު ވިދާޅުވީ އިންޑިއާ ކޮންސިއުލޭޓުގެ ކުރިން އައްޑޫގައި ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް އެޅިއްޖެނަމަ ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލު ލިބިގެންދާނެ ކަަމަށެވެ.

ރާއްޖޭގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް އެޅުމަށް އެގައުމަކާއެކު މަޝްވަރާކުރުމަކީ ކައުންސިލްގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ގައުމީ ފެންވަރުގައި ރާއްޖޭގެ ފަރާތުން އެހެން ގައުމަކާ ނެގޯޝިއޭޓު ކުރުމުގެ ބާރު ލިބިގެންވަނީ ފޮރިން މިނިސްޓްރީއަށާއި ރައީސުލްޖުމްހޫރިއްޔާއަށެވެ.

އެހެން ގައުމަކުން ރާއްޖޭގައި އެގައުމެއްގެ ކޮންސިއުލޭޓެއް އަޅަންބޭނުންވެއްޖެ ނަމަ އެގައުމަކުން އެ ނިންމުން ނިންމުމަށްފަހު ޕްރޮޕޯޒް ކުރާނީ ރާއްޖޭގެ ސަރުކާރަށް ނުވަތަ ފޮރިން މިނިސްޓްރީއަށެެވެ.

އެގޮތުން އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އަޅަން އެގައުމުގެ ޕާލިމަންޓުން ނިންމި ނަމަވެސް ރާއްޖޭގެ ސަރުކާރުން މިހާތަނަށް އަދި އެކަމާ ބެހޭގޮތުން ވަކިގޮތަކަށް ނިންމާފައެއް ނުވެއެވެ.

comment ކޮމެންޓް