އޮންލައިން ރީ-ރެޖިސްޓްރޭޝަން ތައާރަފުކޮށް، އިލެކްޝަންސްއިން ފަސް ބައި-އިލެކްޝަނެއްގެ ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

މާޗު 2، 2019: ރީ ރަޖިސްޓްރޭޝަންއަށް ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހެޅުމުގެ ކިއު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، އިންތިހާބު ނުކުރެވި ހުރި ދާއިރާތަކުގެ ތެރެއިން ފަސް ދާއިރާއެއްގައި އިންތިހާބު ބޭއްވުމަށް އޮންލައިކޮށް ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.

މިހާނަތަނަށް އިންތިހާބު ނުކުރެވި ވަނީ 10 ދާއިރާ އެވެ. އޭގެ ތެރެއިން މިފަހަރު އިންތިހާބު ބޭއްވުމަށްޓަކައި އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފަސް ރަށަކީ ހދ. ނޮޅިވަރަމާއި ކ. ދިއްފުށްޓާއި އއ. ފެރިދޫއާއި ރ. ކެނދިކުޅުދޫގެ އިތުރުން ނ. މަގޫދޫއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު "ސަން"އަށް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާނެ ކަމުގައެވެ.

ފުއާދު ވިދާޅުވީ ރީ-ރަޖިސްޓްރީވުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 26 ވަނަ ދުވަސް ކަމުގައެވެ.

ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ- ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ.

"މި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު ރަޖިސްޓާ ވުމަށް އެދޭ މީހާގެ ވޯޓުލާން ބޭނުންކުރެވޭ ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީ ބޭނުންވާނެ. ނަމަވެސް ނޭޝަނަލް ރެޖިސްޓްރޭޝަނުން އީސީއަށް އަންގާފަ ވަނީ އޮގަސްޓް 31 ވަނަ ދުވަހާ ހަމައަށް އައިޑީކާޑުގެ މުއްދަތު އިތުރުކޮށްފަ ވާކަމަށް. އެހެންވީމަ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުވެސް އަޅުގަނޑުމެން ގަބޫލު ކުރާނަން،" ފުއާދު ވިދާޅުވިއެވެ.

ކޮމިޝަނަރު ފުއާދު ވިދާޅުވީ ކުރިއަށް ހުރި ބޮޑެތި އިންތިހާބުތަކުގައިވެސް ރީ-ރަޖިޓްރޭޝަން ކުރުމުގެ ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ކޮމިޝަނުން މަސައްކަތްކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ އިލެކްޝަނުން، އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރަތަމަ ފަހަރު ކަމަށެވެ.

comment ކޮމެންޓް