އައްޑޫ ސިޓީ އާންމު ހާލަތަށް ގެނެސްފި

އައްޑޫ ސިޓީ ހިތަދޫ --- ފޮޓޯ/ ފޭސްބުކު

ކޮވިޑް-19 ގެ ގިނަ ކޭސްތަކެއް ފެނުމާ ގުޅިގެން މޮނިޓަރިން އަށް ލާފައިވާ އައްޑޫ ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "ސަން" އަށް ވިދާޅުވީ ކޮވިޑް ބަލި އެ ސިޓީން ކޮންޓްރޯލްކުރެވިފައި އޮންނަތާ މަހަކަށްވުރެ ގިިނަ ދުވަސް ވެފައިވާކަމަށެވެ.

"ޑައިރެކްޓް ކޮންޓެކްޓެއްވެސް ނުފެންނަތާ ހަފްތާއެއްހާ ދުވަސް މިވީ. ރޭންޑަމް ސާމްޕަލް ނިސަބަތުން ނަގާ އަދަދަށް ހުރިހާ އަވަށްތަކަކުން ނަގާފަ މޮނިޓަރިން މި ނެގީވެސް،" ނިޒާރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އަދިވެސް ޕޮޒިޓިވް ކޭސްތައް އެބައުޅޭކަމަށެވެ. އެހެންކަމުން މިހާރުވެސް ކައުންސިލުގެ ފަރާތުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން އަންނަކަމަށް ވިދާޅުވިއެވެ.

"ކަނޑުމަގުން އަދި ވައިގެ މަގުން އަންނަ ފަރާތްތަކުގެ ކަންކަން އަޅުގަނޑުމެން އެބަ މޮނީޓަކުރަން. އަޅުގަނޑުމެންގެ އިލްތިމާސަކީ ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ކަންކަމުގައި ބޭރަށް ނިކުތުން. އަދި މޫވްމެންޓުތައް މަދުކޮށް އެއްވުންތައް ނުބޭއްވުން. ދެން ގިނަގިނައިން އަތްދޮވެ މާސްކުއެޅުން،" ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ މޮނިޓަރިން އުވާލި ނަމަވެސް އެޗްޕީއޭގެ އެންގުމާ އެއްގޮތަށް އީދު ތެރޭ ހަރަކާތްތަކެއް ކުރިއަށް ނުދާނެކަމަށެވެ.

ކޮވިޑް19ގެ ޕޮޒިޓިވް ކޭސްއަކާ ގުޅިގެން، އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެންގޮސް، އެ ސިޓީގެ އަވަށްތަކަށް އަރައިފޭބުން މަނާކޮށްފައިވަނީ މިދިޔަ މޭ މަހުގެ ތެރޭގައެވެ.

އަދި ޖޫން މަހުގެ ތެރޭ އައްޑޫ ސިޓީ ހިތަދޫ ފިޔަވައި، އެހެނިހެން ރަށްރަށުގައި (މަރަދޫ، މަރަދޫފޭދޫ، ފޭދޫ) ގައި އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ އައްޑޫ ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ދެ މީހުންނެވެ. އަދި ބަލިން ޖުމްލަ ހަތް މީހަކު ވަނީ ރަނގަޅުވެފައެވެ. އެކްޓިވް ކޭސް ގެ ގޮތުގައި ޖުމްލަ 70 ކޭސް އަދިވެސް އެ ސިޓީގައި އެބައުޅެއެވެ.

comment ކޮމެންޓް