ރަށްރަށް ދަތުރުކުރަނީ ގަވާއިދާ އެއްގޮތަށްތޯ ކައުންސިލުން ބަލަންޖެހޭނެ: އެޗްޕީއޭ

ޖުލައި 16، 2021: އީދު ބަންދާ ދިމާކޮށް މާލެއިން މީހުން ރަށްރަށް ފުރުން — ސަން ފޮޓޯ/ ފަޔާޒް މޫސާ

ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަނީ އުސޫލާ އެއްގޮތަށްތޯ އެ ރަށެއްގެ ކައުންސިލުން ބަލަންޖެހޭނެ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވީޑް-19 ގެ ކޭސްތައް މަދުވުމާއެކު ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރުކުރެވޭ ގޮތައް އެޗްޕީއޭއިން ހުއްދަ ދީފައިވަނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު، ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.

ދިން ލުޔާ އެކު އީދު ބަންދާ ދިމާކޮށް ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ވެކްސިން ފުރިހަމަ ނުކޮށް ދަތުރުކުރާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މީހުން ރަށްރަށަށް ދަތުރުކުރާ އިރު އެ ރަށެއްގެ ކައުންސިލަށް އަންގަންޖެހޭނެ ކަމަށެވެ. އަދި އެފަރާތްތަކުން ދަތުރުކުރަނީ އެޗްޕީއޭގެ އުސޫލާ އެއްގޮތަށްތޯ ކައުންސިލުން ބަލައި ޔަގީންކުރަންޖެހޭނެ ކަަމަށް ވިދާޅުވިއެވެ.

އުސޫލާ ހިލާފަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރިކަން ހާމަވެއްޖެ ނަމަ އެމީހަކާ މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދަތުރުކުރުމަށް ދިން ލުޔާއެކު ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި ނަމަވެސް މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކަށް ދަތުރުކުރާ ނަމަ ކަރަންޓީނުވާން ޖެހޭނެއެވެ.

ކޮވިޑް ނެތް ރަށްރަށަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. އަދި ބެލެނިވެރިންނާ އެކީ ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންނަށްވެސް ކަރަންޓީނު ނުވެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވެނޭ އެވެ.

comment ކޮމެންޓް