ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިނުގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ގައުމީ ޓީމާ އެކު އޮލިމްޕިކަށް ދާތީ ރޮނާލްޑް ކޫމަން ކަންބޮޑުވެއްޖެ އެވެ.
އެންމެ 17 އަހަރުގައި ބާސެލޯނާއިން މިދިޔަ ސީޒަނުގައި ކުޅުނު ގިނަ މެޗުތަކުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ޕެޑްރީ ވަނީ ޑެބިއުޓް ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެއާ އެކު އޭނާއަށް މިއަހަރު ކުރީކޮޅު ގައުމީ ޓީމުން ވެސް ޖާގަދިން އިރު، ލުއިސް އެންރީކޭގެ ސްޕެއިން ޓީމުން އޭނާ އަންނަނީ ގަވާއިދުން ޖާގަ ހޯދަމުންނެވެ.
އެގޮތުން ނިމިގެން ދިޔަ ޔޫރޯގައި ސްޕެއިނުން ކުޅުނު ހުރިހާ މެޗެއްގައި ވެސް ކުޅެ އެ މުބާރާތުގެ އެންމެ މޮޅު ޒުވާންކުޅުންތެރިޔާގެ އެވޯޑް ވެސް ޕެޑްރީ ވަނީ ހޯދައިފަ އެވެ. އަދި އެހެންމެ މުބާރާތުގެ ގަދަ 11 ގައި ވެސް ޕެޑްރީ ހިމެނުނެވެ. އޭނާ ވަނީ އެ މުބާރާތުގެ ހަ މެޗުގައި ވެސް ފުރަތަމަ އެގާރައިން ޖާގަ ހޯދައި، 18 އަހަރުގެ ކުޅުންތެރިއަކު މީގެ ކުރިން ކުޅެފައި ނުވާ ވަރަށް މުބާރާތުގެ މިނަޓު ކުޅެފަ އެވެ.
އެހެން ނަމަވެސް މިދިޔަ ސީޒަނުގައި ބާސެލޯނާއަށް ކުޅުނު މެޗުތަކާއި، ސްޕެއިނަށް ކުޅުނު މެޗުތައް އެއްކޮށްލައިގެން ޕެޑްރީ ކުޅުނު މެޗުތަކުގެ އަދަދު 60 އަށްވުރެން ގިނަ އިރު، އޭނާއަށް ރެސްޓެއް ނުދީ މިހަފުތާ ފަށައި އޮލިމްޕިކަށް ސްޕެއިނާ އެކު ދާތީ ބާސެލޯނާގެ ކޯޗު ކޫމަން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކޫމަން ބުނީ ޕެޑްރީ މިދިޔަ ސީޒަނުގައި ގިނަ މެޗުތަކެއް ކުޅެފައިވާ އިރު ޒުވާން އުމުރުގައި އޭނާއަށް ރެސްޓް ދޭން ޖެހޭ ކަމަށެވެ. އަދި ރެސްޓެއް ނުދީ އެގޮތަށް އޭނާ ކުޅުވާ ކަމުގައިވާނަމަ ބޮޑު އަނިޔާއެއްވުމަކީ ގާތް ކަމެއް ކަމަށް ކޫމަން ބުންޏެވެ.
"ޕެޕް ގާޑިއޯލާ ވެސް ބުނި ފަދައިން، ހުއްޓުމެއް ނެތި އެއްވަރުގެ ބޮޑު ދެ މުބާރާތް ކުޅުމަކީ ކުރަންވާވަރު ކަމެއް ނޫން. އެކަމަކު މީގައި އަހަރަމެންނަށް ކުރެވޭނެ ކަމެއް ނެތް،" ކޫމަން ބުންޏެވެ.
އޮލިމްޕިކްސްގެ ފުރަތަމަ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ސްޕެއިން ނުކުންނާނީ މިސްރާ ދެކޮޅަށެވެ. ގުރޫޕް ސީ ގައި ދެން ހިމެނޭ ދެ ޓީމަކީ އާޖެންޓީނާއާއި އޮސްޓްރޭލިއާ އެެވެ.
ޕެޑްރީގެ ކުޅުމަށް މިފަހުން ގިނަ ކޯޗުން ތައުރީފްކޮށްފައިވާ އިރު، ސްޕެއިނުގެ ކޯޗު އެންރީކޭ ބުނީ އަންދުރެސް އިނިއެސްޓާ ވެސް އެ އުމުރުގައި ޕެޑްރީ އެ ކުޅޭ ކުޅުމާ ގާތަށް ވެސް ކުޅެވިފައި ނުވާ ކަމަށެވެ.