ދެކުނު އޭޝިއާގެ ފަތުރުވެރިން ބޭތިއްބި އިތުރު ގެސްޓްހައުސްއެއް ސަސްޕެންޑްކޮށްފި

ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ސަން ފައިލް ފޮޓޯ

ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިންތަކާ ހިލާފަށް ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިންތަކެއްގެ އެކޮމޮޑޭޝަން ހަމަޖެއްސުމުގެ ސަބަބުން މާލެ ސަރަހައްދުގެ އިތުރު ގެސްޓުހައުސްއެއްގެ ލައިސަންސް ސަސްޕެންޑުކޮށްފިއެވެެ.

އެ މިނިސްޓްރީއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގްރޭޓާ މާލެ ސަރަހައްދުގައި އޮޕަރޭޓް ކުރަމުން އައި ގެސްޓްހައުސްއެއް މިއަދު ސަސްޕެންޑްކޮށްފައިވާކަމަށެވެ. ސަސްޕެންޑް ކުރީ އެ ގެސްޓުހައުސްއިން ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިންތަކެއް، އެޗްޕީއޭއާ ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިންތަކާ ހިލާފަށް، އޮކޮމޮޑޭޓްކުރުމުގެ ސަބަބުންކަމަށް މިނިސްޓްރީއިން ބުންޏެވެ.

އިއްޔެވެސް އެ މިނިސްޓްރީއިން ވަނީ ގައިޑްލައިނާ ހިލާފުވި ތިން ގެސްޓުހައުސްއެއް އޮޕަރޭޓުކުރުމުގެ ލައިސަންސް ސަސްޕެންޑުކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ "ސަން" އަށް ވިދާޅުވީ އެ ގެސްޓުހައުސްތައް ސަސްފެންޑުކޮށްފައި ވަނީ ދެކުނު އޭޝިއާގެ ފަތުރުވެރިން ދިގު މުއްދަތަކަށް އެކޮމޮޑޭޓު ކޮށްފައި ވާތީ ކަމަށެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާފައި ވަނީ ހަަމައެކަނި ރިސޯޓުތަކުގައި ތިބެވޭ ގޮތަށެވެ. އެހެންނަމަވެސް ބައެއް ގެސްޓުހައުސްތަކުން ގައިޑްލައިންތަކާ ހިލާފަށް ދެކުނު އޭޝިއާ ސަރަހައްދުގެ ގެސްޓުން ބައިތިއްބާކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާކަމަށް އައްސަދު އިއްޔެ ވިދާޅުވިއެވެ. އެ މައުލޫމާތަށް ބިނާކޮށް އެ މިނިސްޓްރީއިން ދަނީ މިހާރު އިންސްޕެކްޝަންސްތަކެއް ހަދަމުންނެވެ.

ގަވާއިދުގައި ވާގޮތުންނަމަ މާލެ ސަރަހައްދުގައި ހިންގާ ގެސްޓްހައުސްތަކުގައި ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނީ ގިނަވެގެން 48 ގަޑިއިރަށެވެ.

comment ކޮމެންޓް