ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި--- ފޮޓޯ: އެމްޓީސީސީ

ހދ. ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައިދެއްވައިފިއެވެ.

މި މަޝްރޫއު ފައްޓަވައިދެއްވީ އުތުރުގެ ތިން ރަށަކަށް ރައީސް ސޯލިހު މިހާރު ކުރަށްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަނިމާދޫއަށް ވަޑައިގެންނެވެ.

ހަނިމާދޫ މަގުހެދުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން، 20 މަގެއްގެ 44،000 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެ މަޝްރޫއަކީ ޖުމްލަ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ހެލްތު މިނިސްޓަރު އަހުމަދު ނަސީމުގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް