13 އަހަރުގެ ކުއްޖާގެ މަރު: ޕޯސްޓްމޯޓަމް ރިޕޯޓު ލިބިއްޖެ

ގެއްލިގެން ހޯދަމުން ދަނިކޮށް މަރަލާފައި އޮއްވާ ފެނުނު ކުޑަކުއްޖާ ފެނުމުން ހުޅުމާލޭ ދެވަނަ ފޭސް ކޯޑަންކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން

ރަހީނުކޮށް މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓު ލިބިއްޖެއެވެ.

އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްވެންޑްރަމް އަށް ގެންދިޔައީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕޯސްޓްމޯޓަމް ހަދާ ނިމުނު ނަމަވެސް އޭރު ރިޕޯޓު ލިބިފައެއް ނުވެއެވެ.

ފުލުހުން މިއަދު ބުނީ 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ޕްރިލިމިނަރީ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެގޮތުން ގާނޫނުގައި ކަނޑައަޅާފައި އޮންނަ މުއްދަތުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް އެ ރިޕޯޓު ފޮނުވުމަށްޓަކައި ތަހުގީގު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަަމަށް ފުލުހުން ބުންޏެވެ.

ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލާފައި އޮއްވައި ހުޅުމާލެ ފޭސް2ގެ މޫދުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބި އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެކުއްޖާގެ ހަށިގަނޑު ފެނުނު އިރުވެސް ގިނަ ޒަހަމްތަކެއް ވަނީ ވެފައެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ފޮނުވުނީވެސް އެ ކުއްޖާ ފެނުނުތާ ދެ ހަފްތާ ފަހުންނެވެ.

އެ ކުއްޖާ މަރާލި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖަކު މިހާތަނަށް ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް